ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ 'އޮން އެރައިވަލް' ޓޫރިސްޓް ވިސާ ހިލޭ

ލަންކާ ރައްޔިތުންނަށް ރާއްޖެއިން 90 ދުވަހުގެ 'އޮން އެރައިވަލް' ޓޫރިސްޓް ވިސާ ހިލޭ

Author
ހުސައިން
30 ޖުލައި 2025 08:18
0

ރާއްޖެ ޒިޔާރަތްކުރާ ލަންކާ ރައްޔިތުންނަށަ 90 ދުވަހުގެ 'އޮން އެރައިވަލް' ޓޫރިސްޓް ވިސާ ހިލޭ ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ސަރުކާރުން އިއުލާން ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކޭ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައެވެ.

މިއީ ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖެއަށް ދަތުރުކުރާ ލަންކާ ރައްޔިތުންނަށް ދޫކުރެވޭ ޓޫރިސްޓު ވިސާއެކެވެ. މި ވިސާ ދޫކުރަން ފަށާފައިވަނީ 29 ޖުލައި 2025 އިން ފެށިގެންނެވެ.

މި ވިސާ ހޯދުމަށްޓަކައި، ދަތުރުވެރިންގެ އަތުގައި ޞައްޙަ ޕާސްޕޯޓެއް އަދި ދިވެހިރާއްޖޭގައި ހުންނަ މުއްދަތުގައި ޚަރަދުތައް ހަމަޖެއްސުމަށް އެކަށީގެންވާ މާލީ ވަސީލަތްތައް ހުރިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އޮންނަން ޖެހޭނެއެވެ.

ލަންކާގެ ޕީއެމްޑީ ނޫހުން ބުނީ މިއީ ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ވިސާ ފަސޭހަކުރުމާ ބެހޭ އެއްބަސްވުމުގެ ދަށުން ނިންމި ނިންމެވުމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅިފައިވާ ބަދަލެއް ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

މިއީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަރުގަދަ އަޒުމު ދައްކުވައިދޭ ކަމެއް ކަމަށާއި، ސްރީލަންކާއާއެކު އޮންނަ ގުޅުމަށް ދިވެހި ސަރުކާރުން ދޭ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.