ރަޝިޔާގެ ދުރު އިރުމަތީ ކަމްޗަޓްކާ ޖަޒީރާގެ ކައިރީގައި 8.8 މެގްނިޓިއުޑްގެ ބިންހެލުމަކުން ޕެސިފިކް ކަނޑުގެ އެކި ސަރަޙައްދުތަކަށް ސުނާމީ އިންޒާރު ދެވިފައިވާތީ ޖަޕާން، ހަވާއީ އަދި އެމެރިކާގެ ހުޅަނގު ސަރަޙައްދުތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާތަނަށް ލިބެންހުރި ބައެއް މައުލޫމާތު:
- ކަމްޗަޓްކާގައި 3-4 މީޓަރު (10-13 ފޫޓު) އުސްމިނުގެ ސުނާމީ ރާޅުތައް ރިޕޯޓު ކުރެވިފައިވާއިރު، އުތުރު ޖަޕާނުގެ ހޮކައިޑޯގެ ސިޓީއަކަށް 30 ސެންޓިމީޓަރު (12 އިންޗި) ރާޅުތައް އަރާފައިވޭ
- ހަވާއީ ގަވަރުނަރު ޖޮޝް ގްރީން މީހުންނަށް ސަރަޙައްދު ދޫކޮށް ދިއުމުގެ އަމުރުތަކަށް ޢަމަލުކޮށް ހަމަޖެހިގެން ތިބުމަށް އެދިފައިވާއިރު އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ ރައްޔިތުންނަށް ސުނާމީ އިންޒާރުތަކަށް ސަމާލުވުމަށް ލަފާދީފަ
- ބިންހެލުމުގެ ސަބަބުން ކަމްޗަޓްކާގައި ގިނަ މީހުން ޒަޚަމްވެފައިވާކަމަށާއި ބާރުގަދަ އާފްޓަރޝޮކްތައް ލިބޭނެ ކަމަށް ޓާސް ނިއުސް އެޖެންސީ ރިޕޯޓު ކުރޭ
- ޗައިނާ، ފިލިޕީންސް، އިންޑޮނޭޝިޔާ، ގުއާމް، ޕެރޫ އަދި އިކުއެޑޯރުގެ ގެލަޕަގޯސް ޖަޒީރާތަކުގެ ބައެއް ސަރަޙައްދުތަކަށް ވެސް އެކި ލެވެލްގެ ސުނާމީ އިންޒާރު ދެވިފައިވޭ
ރަޝިއާގެ އިރުމަތީ ސަރަހައްދުތަކަށް އައީ މިހާތަނަށް ރެކޯޑް ކުރުނު 6 ވަނައަށް އެންމެ ބާރުގަދަ ބިންހެލުންކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
ބީބީސީގެ ނިއުސްޑޭ ޕްރޮގްރާމަށް ކުޑައިރުކޮޅެއް ކުރިން ވާހަކަދައްކަމުން، ހަވާއީ ޔުނިވަރސިޓީގެ ޖިއޮފިޒިކްސް އެންޑް ޓެކްޓޮނިކްސް ޑިވިޜަންގެ އެސިސްޓަންޓް ޕްރޮފެސަރ ހެލެން ޖެނިޒެވްސްކީ ވިދާޅުވީ، މިއަދު އައި ބިންހެލުމަކީ ރެކޯޑުކުރެވިފައިވާ،ދުނިޔޭގެ ތާރީޚުގައި އައި އެންމެ ބޮޑު 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެއް ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސަރވޭގެ މަޢުލޫމާތުގައިވާ ގޮތުން، 8.8 މެގްނިޓިއުޑްގެ މި ބިންހެލުމަކީ ތާރީޚުގައި 6 ވަނައަށް އެންމެ ބޮޑު ބިންހެލުން ކަމަށާއި، މިއީ 2010 ގައި ޗިލީގެ ބިއޯބިއޯގައި ހިނގި ބިންހެލުމާއި، 1906 ގައި އެކުއަޑޯރުގެ އެސްމެރަލްޑާސްގައި ހިނގި ބިންހެލުމާ އެއްވަރުގެ ބިންހެލުމެއް ކަމުގައެވެ.
ޔޫއެސްޖީއެސް އިން ޗިލީގެ ބިންހެލުމާ ބެހޭގޮތުން ބުނެފައިވަނީ، "ކިރިހުއޭ ސިޓީގެ ކައިރީގައި ކަނޑުގެ ތެރޭގައި ހިނގި މި ބާރުގަދަ ބިންހެލުމުގައި 523 މީހުން މަރުވެ، 370،000 އަށްވުރެ ގިނަ ގެދޮރު ހަލާކުވި" ކަމަށެވެ.
އެކުއަޑޯރުގެ ބިންހެލުމާ ބެހޭގޮތުން ބުނެފައިވަނީ، "އެކުއަޑޯރު-ކޮލޮމްބިއާ ބިންހެލުން ކަމަށް ކިޔާ މި ބިންހެލުމުން ބާރުގަދަ ސުނާމީއެއް އުފެދި، 1،500 މީހުން މަރުވެ، އުތުރަށް ސަން ފްރާންސިސްކޯއާ ހަމައަށް ސުނާމީ ފޯރި" ކަމަށެވެ.
ޝައުޤުވެރި ކަމަކީ، 5 ވަނައަށް އެންމެ ބޮޑު ބިންހެލުން ވެސް، މިއަދު ހިނގި ބިންހެލުން ފަދައިން، ރަޝިޔާގެ ކަމްޗަޓްކާ ކްރައިގައި ހިނގި ކަމެވެ. އެއީ 1952 ގައި ހިނގި ބިންހެލުމެއް ކަމަށާއި، އެއީ "ދުނިޔޭގައި ރެކޯޑުކުރެވުނު މެގްނިޓިއުޑް 9 ގެ ފުރަތަމަ ބިންހެލުން" ކަމަށް ވެއެވެ.
މި ބިންހެލުމުން "ބޮޑު ސުނާމީއެއް އުފެދި، ހަވާއީއަށް ފޯރާ، 1 މިލިއަން ޑޮލަރަށްވުރެ ގިނަ ގެއްލުން ލިބުނު" ކަމަށް ވެއެވެ.
ރަޝިޔާގެ ދުރު އިރުމަތީ ކަނޑު ސަރަޙައްދަށް އައި 8.7 މެގްނިޓިއުޑްގެ މި ބޮޑު ބިންހެލުމަކަށްފަހު، ރަޝިޔާ، ޖަޕާން އަދި އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް މިހާރުވަނީ ސުނާމީ އިންޒާރު ނެރެފައެވެ. މި އިންޒާރުގައި މިހާރުވަނީ ފިލިޕީންސްވެސް ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ