ވައިގަދަވެ އެއާޕޯޓް މަގުގައި ޖަހާފައި ހުރި ގިޑިގެއެއް ވެއްޓިއްޖެ

ވައިގަދަވެ އެއާޕޯޓް މަގުގައި ޖަހާފައި ހުރި ގިޑިގެއެއް ވެއްޓިއްޖެ

Author
ހުސައިން
29 ޖުލައި 2025 08:14
0

މާލެ ސަރަހައްދަށް މިއަދު މެންދުރު ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ޖަހާފައި ހުރި ގިޑިގެއެއް ވެއްޓިއްޖެއެވެ.

ފުލުހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 13:30 ހާއިރުއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށާއި، އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުންނާއި އެމްއޭސީއެލްގެ މުވައްޒަފުން ގުޅިގެން މަސައްކަތްކޮށް، ވެއްޓުނު ގިޑިގެ ނަގައި، ކުޑައިރުކޮޅެއް ތެރޭގައި ޓްރެފިކް އަލުން ހުޅުވާލެވުނެވެ. މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ބެލެވޭގޮތުގައި މިއީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ޖަހާފައިވާ ގިޑިގެއެކެވެ.

މިކަން ހިނގާފައި ވަނީ ރާއްޖޭގެ މޫސުން ގޯސްވަމުންދާ ވަގުތެއްގައެވެ. މޫސުމާބެހޭ ޤައުމީ މަރުކަޒުން އިއްޔެ ވަނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވަނީ، މިއަދާއި މާދަމާގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހުން ފެށިގެން ކަމަށް ބުނެފައިވެއެވެ. މި ހާލަތާ ގުޅިގެން އެމްއެންޑީއެފުން މިއަދު ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.