އިންޑިއާގެ ނިކޮބާ އައިލެންޑްސް ސަރަހައްދަށް ރޭ އައި 6.2 ބާރުމިނުގެ ބިންހެލުމެއްގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ރާއްޖެ ގަޑިން ރޭ 23:48 ގައި ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް ލޮޅުމެއްގެ އަސަރު ރިކޯޑުކުރެވިފައިވެއެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ވެސް ލޮޅުން އިހުސާސްކުރެވުނު ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.
ފުރަތަމަ މެޓް އޮފީހުން ނެރުނު އިއުލާނުގައި ބުނެފައިވަނީ މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ކަމުގައި ވިޔަސް، ފަހުން ނެރުނު އިއުލާނުގައި ލޮޅުމުގެ އަސަރު ކުރި ކަން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މި ހާދިސާގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
ބިންހެލުން އައި ނިކޮބާ އައިލެންޑްސް ސަރަހައްދަކީ މާލެއާ 2215 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ. މި ސަރަހައްދަކީ ކުރިން ވެސް ބިންހެލުންތައް އަންނަ ސަރަހައްދެއް ކަމަށާއި، މީގެ ކުރިން ވެސް ރާއްޖެއާ ކައިރި ސަރަހައްދުތަކަށް އައި ބިންހެލުންތަކުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމުގެ އަސަރު ކޮށްފައިވާ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ