ރޭ އިންޑިއާގެ ނިކޯބާ އައިލެންޑްސް ސަރަހައްދުގައި ހިނގި ބިންހެލުމެއްގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ދިން މަޢުލޫމާތަށް ބަލާއިރު، ރާއްޖެ ގަޑިން ރޭ 11:41 ގައި ނިކޯބާ އައިލެންޑްސް ސަރަހައްދަށް އައިސްފައިވަނީ ރިކްޓާ ސްކޭލުން 6.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުމާ ގުޅިގެން ސުނާމީ އުފެދުމުގެ ނުރައްކަލެއް ނެތްކަމަށް މެޓް އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެހެންނަމަވެސް، މި ބިންހެލުމުގެ އަސަރުތައް ރާއްޖެއަށް ކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ. މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ލޮޅުމެއް އައިކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް މެޓް އޮފީހުން ބުންޏެވެ.
ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ އާލާތަށް، ރާއްޖެ ގަޑިން 23:48 ގައި ލޮޅުމުގެ އަސަރު ފެނިފައިވާކަން ރެކޯޑުކުރެވިފައިވާ ކަމަށް މެޓް އޮފީހުން ފާހަގަކުރި އެވެ.
މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވީ ނަމަވެސް، އިތުރު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު ނެތްކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ޔަޤީންކަން ދީފަ އެވެ.
ކޮމެންޓު ފޮނުވާ