ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާއިން ޢާންމުކުރާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އާންމުންނަށް އޮޅުން އަރުވާ ފަދަ ގޮތަކަށް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
މަޖިލީހުގެ މެންބަރުންގެ މަސައްކަތާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ މައުލޫމާތުތަކާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރުމުގެ މަގުސަދަކީ މަޖިލީހުގެ މަސައްކަތްތައް ހާމަކަން ބޮޑުކޮށް ރައްޔިތުންނާ ހިއްސާކުރުން ކަމަށެވެ.
މަޖިލީހުގެ ވެބްސައިޓުން ލިބެން ހުންނަ މައުލޫމާތުތަކުގެ ތެރޭގައި މެންބަރުން ހުށަހަޅާފައިވާ ބިލްތަކާއި ގަރާރުތަކާއި، މައްސަލަތަކާއި، ވަޒީރުންނާ ކުރި ސުވާލުތަކާއި، މެންބަރުން ޝާމިލުވާ ކޮމިޓީތަކުގެ މައުލޫމާތާއި ތަފާސްހިސާބުތައް ހިމެނޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އެހެންނަމަވެސް، މިއީ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު މަސައްކަތްތަކުގެ ބޮޑު ބައެއް ކުރިއަށް ގެންދަނީ މަޖިލީހުގެ ކޮމިޓީތަކުގައި،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ފުރިހަމަވެ ނިމިގެންދަނީ ހުރިހާ މެންބަރުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ކަމަށް ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ. މެންބަރުންގެ މަސައްކަތުގެ ފެންވަރު ބަލަންޖެހެނީ ހަމައެކަނި ސްޕޮންސަރކުރާ ބިލްތަކުގެ އަދަދުން ނޫން ކަމަށާއި، ބިލްތަކުގެ އެކި މަރުހަލާތަކުގައި މެންބަރުން ދެއްވާ މަޝްވަރާއާއި ބައިވެރިވުން ވެސް މުހިންމު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު މި ބަޔާނުގައި ޚާއްޞަ ގޮތެއްގައި އިލްތިމާސްކޮށްފައިވަނީ، މަޖިލީހުގެ އިދާރާއިން ޢާންމުކުރާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އާންމުންނަށް އޮޅުން އަރުވާ ގޮތަށް އެ މައުލޫމާތުތައް ބޭނުން ނުކުރުމަށެވެ.
ކޮމެންޓު ފޮނުވާ