ކުރިޔަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް: ރައީސް

ކުރިޔަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް: ރައީސް

Author
ހުސައިން
28 ޖުލައި 2025 09:24
0

ރާއްޖޭގެ އިގްތިސާދު ރަނގަޅު ރާސްތާއެއްގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތީ އިގްތިސާދީ ގޮތުން އުޖާލާ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ފާހަގަކުރެއްވީ، ސަރުކާރާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު އިގްތިސާދު އާދެވިފައިވަނީ މުހިންމު މަރުހަލާއަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. ކުރިން ކޮށްފައި ހުރި ނުރަނގަޅު ކަންތައްތައް ރަނގަޅުކުރުމަށް ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން ބައެއް ކަންކަމުގައި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު ކަންކަން ހުރީ ރަނގަޅު ރާސްތާއެއްގައި ކުރިއަށްދާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަމުން މިދަނީ، ރަނގަޅު ރާސްތާއެއްގައި ކުރިއަށްދަނީ. ފެންނަން އޮތީ ވެސް ވަރަށް އުޖާލާ މަންޒަރު، އުޖާލާ ދުވަސްތަކެއް އިގްތިސާދީ ގޮތުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރާ ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތް ދަތި ހާލަތުގައި ފިޔަވަޅު ނޭޅިނަމަ ގައުމު ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކަމަށާއި، އެކަން ވިޔަނުދިނުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތައް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން އެކަން ފާހަގަކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ގައުމުތަކާ، ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ސަރުކާރުގެ ސިޔާސަތުގެ ކާމިޔާބެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.