ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނައިކެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ އަށް ވަޑައިގެންފިއެވެ.
މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ސްރީލަންކާގެ ރައީސަށް މަރުހަބާ ދަންނަވައި އިސްތިގުބާލު ކުރެއްވީ ރައީސް މުއިއްޒެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ވެރިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާނެއެވެ.
ސްރީލަންކާގެ ރައީސް މި ފަހަރު ރާއްޖެ އަށް ވަޑައިގަންނަވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވުނުތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށެވެ. ދެ ގައުމުގެ މެދުގައި ރަސްމީ ހާރިޖީ ގުޅުން ގާއިމްކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހުކުރު ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު، ސައުތު އޭޝިއާގެ މުހިންމު ގައުމެއްގެ ވެރިއަކު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑިއާގެ ބޮޑުވަޒީރު ވެސް ރާއްޖެ ވަޑައިގެންފައިވަނީ ރައީސް މުއިއްޒުގެ ދައުވަތަކަށް ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ