މިނިވަން ދުވަހުގެ ޚާއްޞަ މުނާސަބަތުގައި ރާއްޖޭގެ ތިން މުހިންމު ޝަޚްޞިއްޔަތުންނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް ލިބިވަޑައިގަތީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޙަސަން ޞާބިރަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، މ. ގުލްފާމްގެ މުއުތަސިމް އަދުނާނަށް މި ޢިއްޒަތް ލިބިވަޑައިގަތީ ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެއްވި ގިނަގުނަ ޚިދުމަތްތަކަށް ޓަކައެވެ. ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މުއުތަސިމް، 2019 ވަނަ އަހަރުގެ ޑިސެންބަރު 8 ގައި އެ މަޤާމަށް އައްޔަނުކުރެވުނެވެ. މިދިޔަ ޖުލައި 20 ގައި އެމަނިކުފާނު ވަނީ ރިޓަޔަރކުރައްވާފައެވެ.
މުއުތަސިމް އަދުނާނަކީ އިނގިރޭސި ވިލާތުގެ ގްލަސްގޯ ޔުނިވަސިޓީން ޓްރާންސް ނޭޝަނަލް ކޮމާޝަލް ލޯއިން މާސްޓާސް އޮފް ފިލޯސަފީ ހާސިލުކުރައްވައި، ބަކިންހަމް ޔުނިވަސިޓީން ބެޗްލަރ އޮފް ލޯ ފުރިހަމަކުރައްވާފައިވާ ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ. 2010 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ވެސް ޚިދުމަތްކުރައްވާފައިވެއެވެ.
ގ. ފިޔާތޮށިގެ ޙަސަން ޞާބިރަށް މި ޢިއްޒަތް އަރުވާފައިވަނީ ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާއިން ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޓަކައެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ވެސް އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޙަސަން ޞާބިރު ފުރުއްވި ބައިނަލްއަޤްވާމީ މަޤާމުތަކުގެ ތެރޭގައި އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމާއި، ޔޫރަޕިއަން ޔޫނިއަނަށް ސަފީރުކަމާއި، އިނގިރޭސި ވިލާތަށް ހައި ކޮމިޝަނަރުކަމާއި، ސިންގަޕޫރަށް ހައި ކޮމިޝަނަރުކަން ހިމެނެއެވެ. އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ޞާބިރު، އެމެރިކާއިން އިޤްތިޞާދީ ތަފާސްހިސާބުގެ ޑިޕްލޮމާއާއި އިންޑިޔާއިން ބެޗެލަރ އޮފް ކޮމާސް ވެސް ހާސިލުކުރައްވާފައިވެއެވެ.
ހަސަން ސާބިރަށް މި ލަގަބު އެރުއްވި އެނާ އޮންނެވީ ކެންސަރު އާލާސްކަންފުލަށް ފަރުވާ ހޯއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްކޮށްފައެވެ. ސާބިރުގެ ހާލުކޮޅު ވަރަށް ދެރަކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ގާސިމް އިބުރާހިމްއަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ގޮތުންވެސް ގައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބަކީ ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޢިއްޒަތެކެވެ. މި ޢިއްޒަތް ދެވެނީ ޤައުމަށް ނުވަތަ ދައުލަތަށް ޚާއްޞަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށެވެ.
ކޮމެންޓު ފޮނުވާ