މާލޭ ވަށައިގެން ރައްކާތެރިކަމަށް ބިނާކޮށްފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ޖަޕާން ސަރުކާރުން 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ދެ ޤައުމުގެ ދެމެދުގައި އިއްޔެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
ފޮރިން މިނިސްޓްރީގައި ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އާއި ޖަޕާން ސަރުކާރުގެ ފަރާތުން ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވިއެވެ.
މި އެހީއަކީ މާލޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެހެން މުހިންމު ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަރުޙަލާއަށް ޚާއްސަކޮށްގެން ދެވޭ އެހީއެކެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ހަލީލް ވިދާޅުވީ މާލޭ ތޮށްޓަކީ ހަމައެކަނި ދިފާއީ ބިނާއެއް ނޫން ކަމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ ދުވަސްވީ ރަޙްމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ނިޝާނެއް ކަމަށެވެ. 2004 ވަނަ އަހަރު ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީ މި ތޮށީގެ ސަބަބުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކީ ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރުވާނެ ފިޔަވަޅެއް ކަމަށް މިނިސްޓަރ ހަލީލް ވިދާޅުވިއެވެ. 2027 ވަނަ އަހަރު ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުވާލެވިފައިވާ މިނިވަން އިންޑޯ-ޕެސިފިކް ސަރަޙައްދެއްގެ ތަސައްވުރަށް ދިވެހިރާއްޖެއިން ފުރިހަމަ ތާއީދު ދޭކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ޖަޕާނުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ