ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ މުހިންމު ތަނބަކީ ވެލާނާ އެއާޕޯޓު: ރައީސް

ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ މުހިންމު ތަނބަކީ ވެލާނާ އެއާޕޯޓު: ރައީސް

Author
ހުސައިން
26 ޖުލައި 2025 10:18
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިހަ އަހަރު ދުވަހުގެ ބުރަ މަސައްކަތެއްގެ ނިމުން ފާހަގަކުރާ ރެޔެއް ކަމުގައި މިރޭ ވިސްނައިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ފަހަތުގައި ވަރަށް ގިނަ ފަރާތްތަކުގެ މިންނެތް މަސައްކަތް ހިމެނޭ ކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ދެ ސަރުކާރެއްގެ ބުރަ މަސައްކަތަށް އިޢުތިރާފުވެ ވަޑައިގެންފައެވެ.

"މި ޓާމިނަލްގެ މަސައްކަތް ފެށިގެން އައި ސަރުކާރު ކަމުގައިވާ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވެސް ޝުކުރު ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިނިވަން ދުވަހުގައި މި ޓާމިނަލް ހުޅުވުމަށް ޚާއްސަ ސަބަބެއް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމަށް އިގްތިސާދީ މިނިވަންކަމަކީ ވަރަށް ޚާއްސަ ކަމެއް. އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓު. އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ މި ޓާމިނަލް،" އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާކުރުމާއި ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި އާ ޓާމިނަލް އަދާކުރާނެ މުހިންމު ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކާމިޔާބީތައް ހާސިލުކުރުމުގައި ދިވެހިން އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ އަލިއަޅުވައިލައްވާފައެވެ.

"އަހަރެމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ނިސްބަތްވާ، އެއް މާޒީއެއް އޮތް އެއްބައިވަންތަ ބައެއް ކަން ހަނދާން ކުރަން ޖެހޭ. އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސުބަށް ވުރެ ބޮޑަށް ގައުމު އިސްކުރަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.

ގައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި ދިވެހިން އެއް ލަވައަކުން، އެއް ރާގެއްގައި ވާހަކަ ދައްކަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ގައުމަށް ހެޔޮ ކަންތައްތައް ކޮށްދެވި، އުފާފާގަތި ކަމާއެކު އަންނަން އޮތް ޖީލުތަކަށް ގައުމު ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ވަރަށް މުހިންމު ފެށުމެއް. މި ފެށުން ވެގެންދާނީ ރާއްޖެ އެތައް ހަރުފަތެއް ކުރިއަށް ގެންގޮސްދޭ ފެށުމަކަށް،" ރައީސް ވިދާޅުވިއެވެ.

ޓާމިނަލް ހުޅުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ބޭރުގެ ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. ސައުދީ ޑިވެލޮޕްމަންޓް ފަންޑު، ކުވެއިތު ފަންޑު، އަބޫ ދާބީ ޑިވެލޮޕްމަންޓް ފަންޑު އަދި އޯޕެކް ފަންޑުން ދިން އެހީތެރިކަން ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ގައުމީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މުހިންމުކަން ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވި އިރު، މިފަދަ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކުރުމަށް ސިޔާސީ ތަފާތުތަކަށް ވުރެ ގައުމީ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން އެމަނިކުފާނު އަލިއަޅުވައިލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.