އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް ރާއްޖެ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓެއްގައި މޯދީ ފާހަގަކުރެއްވީ، މި ބައްދަލުވުމުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމުގެ ގުޅުމުގެ މުހިންމު ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އިންފްރާސްޓްރަކްޗަރ، ޓެކްނޮލޮޖީ، މޫސުމަށް އަންނަ ބަދަލު، ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ދެ ގައުމު ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، މި ގުޅުންތަކުން ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޕާޓްނަރޝިޕް އިތުރަށް ވަރުގަދަވާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯދީގެ މި ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އާ މަރުހަލާއަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ވެވޭ މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫއުތަކެއް މޯދީ އިފްތިތާހު ކުރައްވާފައިވެއެވެ. މީގެ އިތުރުން ދެ ގައުމުގެ ލީޑަރުންގެ ދެމެދު ރަސްމީ މަޝްވަރާތަކެއްވެސް ބޭއްވިފައިވާއިރު، އެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން ފުޅާކޮށް ބަދަހިކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރުމާ ބެހޭގޮތުން ވާހަކަ ދެކެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ