ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަނީ

ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަނީ

Author
ހުސައިން
26 ޖުލައި 2025 01:18
0

ސްރީލަންކާ ސަރުކާރުން ދިވެހިންނަށް އެއް އަހަރުގެ ދިގު މުއްދަތުގެ ވިސާ ދޫކުރުމަށް ނިންމައިފިކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތު ހާމަކުރައްވައިފި އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން މި ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މިހާތަނަށް ދިވެހިންނަށް ސްރީލަންކާ އިން ދޫކުރަމުން އައީ ކުރު މުއްދަތުގެ ވިސާތައް ކަމަށާއި، މި ބަދަލާއެކު ދިވެހިން އެ ގައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ދިރިއުޅެވޭނެ ކަމަށް ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި މުހިންމު ބަދަލު އިއުލާންކުރުމަށް ލަފާކުރެވެނީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އަންނަ ހޯމަ ދުވަހު ރާއްޖެ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ކަމަށެވެ.

މިހާރު ދިވެހިންނަށް ސްރީލަންކާ އިން ލިބެމުންދަނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާއެއް ކަމަށާއި، ފީއަކާއެކު އޮންލައިންކޮށް މި މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރެވޭކަން ފާހަގަކުރެވެ އެވެ. ނަމަވެސް އަލަށް ހަމަޖެހުނު އިންތިޒާމުގެ ދަށުން އެއް އަހަރުގެ މުއްދަތަށް ވިސާ ލިބޭނެ އެވެ.

ވިޖިތު ހެރަތު ވިދާޅުވި ގޮތުގައި، ކުރިން ބައިވަރު ދިވެހިން ބޭސްފަރުވާ ހޯދުމަށް ސްރީލަންކާ އަށް ދަތުރުކުރި ނަމަވެސް، ހަރުކަށި ގަވާއިދުތަކުގެ ސަބަބުން އެ ކަން މަދުވެފައިވާ ކަމަށާއި، މި ބަދަލާއެކު އެ ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި، އޭޝިއާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތަށް 40 ގައުމަކަށް ދޫކުރާ ވިސާއިން ފީ ނެގުން ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ. މި ބަދަލުތަކަކީ ސްރީލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާކޮށް، ބޭރު ގައުމުތަކުން އަންނަ ޒިޔާރަތްތެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތުގެ ބައެއް ކަމުގައި ބެލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.