އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އޯޕީޑީ ވޯކްވޭ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތަކާ ގުޅިގެން އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ހޮސްޕިޓަލުން ނިންމައިފިއެވެ.
ހޮސްޕިޓަލުން ކުރި އިއުލާނުގައިވާ ގޮތުން މިރޭ 9:00 ގައި ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރު 3:00 ގައި ނިމެންދެން އެ ސަރަހައްދު ބަންދުކޮށްފައި ހުންނާނެއެވެ. މި މުއްދަތުގައި ހޮސްޕިޓަލަށް ވަދެވޭނީ އިމަޖެންސީ ގޭޓުންނާއި ސަންސެޓް ކެންޓީން ކައިރީގައިވާ ގޭޓުން ކަމަށް ހޮސްޕިޓަލުން އަންގައިފިއެވެ.
މީގެ އިތުރުން ޑައިލިސިސް ސެންޓަރަށް ދާ ބަލިމީހުންނަށް އެމްއާރްއައި ސެންޓަރަށް ވަންނަ ވޯކްވޭ ބޭނުންކުރުމަށް ހޮސްޕިޓަލުން އިރުޝާދު ދީފައިވެއެވެ. ހަމައެއާއެކު ސްޓްރޯކް ސެންޓަރު އީއެންޓީ ވޯޑުގައި ހުރި އެޗްޑީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
އައިޖީއެމްއެޗްގެ ގޭޓު 1 އާންމުންނަށް ބަންދުކުރާ މި ވަގުތީ އިންތިޒާމަކީ އޯޕީޑީ ވޯކްވޭ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތެއް ނިންމުމަށްޓަކައި ހަމަޖައްސާފައިވާ އިންތިޒާމެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ