ސަރުކާރުން ކުރިއަށް ދާނީ ސިޔާސީ ޚިޔާލުތަފާތުވުންތައް ދޫކޮށްލަ ތަރައްޤީގެ ސިޔާސަތާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދިނުމެވެ. އަދި ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށްޓަކައި ރަށްރަށަށް ދަތުރުފުޅުކުރައްވާ ކަމަށާއި، ރައްޔިތުންގެ އެދުންތަކާއި ބޭނުންތައް ފުރިހަމަކޮށްދިނުމަށް ބުރަ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކުޑަފަރީގެ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމާއި ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ސިއްޙީ މަރުކަޒުގެ އައު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، މި މަސައްކަތް އަވަހަށް ފެށޭނެކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް ރާވާފައިވާ ކަމަށާއި، މިކަމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސަވައިދެއްވުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، މިހާރު ހުރި އިންޖީނުގޭގެ ހާލަތު ދަށްވެފައިވާތީ، ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް އެޅުމަށް ނިންމާފައިވާ ކަމަށާއި، މި މަސައްކަތް ފެނަކައާ ހަވާލުކުރުމަށް ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އޭލެވެލް ކިޔަވައިދިނުމަށް ސައިންސް ލެބަކާއެކު 6 ކްލާސްރޫމް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމުގެ ޚުޝްޚަބަރު ރައީސް ދެއްވިއެވެ. މިއީ ރަށުގެ ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، ކައުންސިލްތަކާއެކު ސިޔާސީ ޚިޔާލުތަފާތުވުން އޮތްނަމަވެސް، އެކަމަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ކަމެއް ނޫނެވެ. ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ރައްޔިތުންގެ އަޑު އަހައި، އެމީހުންގެ ބޭނުންތައް ފުރިހަމަކޮށްދިނުން ކަމަށާއި، ސިޔާސީ ތަފާތުތައް ފަހަށްޖައްސައިގެން ރަށްރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރިއަށް ގެންދާނެކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ