ބަލި މީހުންނަށް އެހީވާނެ 55 މީހުން އައިޖީއެމްއެޗްއަށް ހޯދަނީ

ބަލި މީހުންނަށް އެހީވާނެ 55 މީހުން އައިޖީއެމްއެޗްއަށް ހޯދަނީ

Author
ހުސައިން
22 ޖުލައި 2025 08:04
0

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 55 ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ގްރޭޑް 10 ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ނުވަތަ ގްރޭޑް 7 ނިންމާފައިވާ ނަމަވެސް، ކަމާގުޅޭ ދާއިރާއަކުން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް މާދަމާއިން ފެށިގެން ޖަނަވަރީ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.

ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުންގެ މައިގަނޑު މަސައްކަތަކީ ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް މަރުހަބާ ކިޔައި، ބޭނުންވާ ތަންތަނަށް މަގު ދައްކައިދިނުމެވެ. އަދި ހޮސްޕިޓަލުގައި ދިމާވާ ކަންކަމުގައި ވަގުތުން އެހީތެރިވެ، މައްސަލަތައް ހައްލުކޮށްދިނުމާއި، ހިދުމަތް ހޯދާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި، ބަލިމީހުންގެ ހިޔާލުތައް ހޯދައި، އެމީހުންނަށް ލިބޭ ތަޖުރިބާ މޮނިޓަރ ކުރުން ވެސް މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އެންމެ މުހިންމަކީ ބަލިމީހުންނާއި މުޢާމަލާތްކުރުމުގައި އޯގާތެރިކަމާއި ހަމްދަރުދީގެ ރޫހުގައި މަސައްކަތްކުރުމެވެ.

މި ފުރުޞަތަށް އެދޭ ފަރާތްތަކުން ސީވީ، އައިޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތައް [email protected] އަށް ފޮނުވަން ވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.