އެސްޑީއެފްސީ ޚާއްސަ ކުރާނީ އިސްލާމިކް ފައިނޭންސިންގއަށް: ބީއެމްއެލް

އެސްޑީއެފްސީ ޚާއްސަ ކުރާނީ އިސްލާމިކް ފައިނޭންސިންގއަށް: ބީއެމްއެލް

Author
ހުސައިން
21 ޖުލައި 2025 10:08
0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައުމީ ބޭންކު ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގައި، އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދޭން ނިންމައިފިއެވެ.

މި ބަދަލުގެ ސަބަބުން އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުވެ، ލޯނު ދޫކުރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. ސަރުކާރުގެ ކެބިނެޓުން އިއްޔެ ނިންމީ އެސްޑީއެފްސީގައި ހުރި ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށެވެ.

އާ ސްޓްރެޓެޖީގެ ދަށުން އެސްޑީއެފްސީން ޚާއްސަ ސަމާލުކަމެއް ދޭނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، އަންހެނުން ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިންނަށާއި، ދަނޑުވެރިންނަށާއި، ދެމެހެއްޓެނިވި ވިޔަފާރިތަކަށާއި، އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސިންގ ފޯރުކޮށްދިނުމަށެވެ. މި ޚިދުމަތްތައް ފޯރުކޮށްދޭނީ އެންމެ ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

ބީއެމްއެލްގެ ވިސްނުމަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ފުޅާ ވިއުގައާއި ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން، ރާއްޖޭގެ އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ކުރުމަށް މަގުފަހިކޮށް، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމެވެ. މިގޮތުން ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުވާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.

ފުރަތަމަ އަހަރުގެ ތެރޭގައި އެސްޑީއެފްސީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބީއެމްއެލްއިން އަމާޒު ހިފައެވެ. މީގެ އިތުރުން މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ މުއްދަތުގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ. މި ފައިސާ ބޭނުންކުރެވޭނީ މުޖުތަމައުގެ ތަރައްޤީއާއި ދެމެހެއްޓެނިވި ވިޔަފާރިތައް ކުރިއެރުވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.