މުޅި ރާއްޖޭގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް މި އަހަރުގެ ފަހުކޮޅު ފެށި، މިއަންނަ އަހަރު ތެރޭގައި ގިނަ ރަށްރަށުގެ މަގުތައް ހެދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ރައީސް ދެއްކެވީ މިއަދު ނ. މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާފަރުގެ ޞިއްޙީ މަރުކަޒުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރޭ ސޮއިކުރެވުނު އެގްރިމެންޓުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރިކަން މިއަދު ފާހަގަކުރެވިފައިވާކަމަށެވެ. މި ހަފްތާ ނިމުމުގެ ކުރިން، އިތުރު 15 އެނދު ހިމެނޭގޮތަށް ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި އެގްރިމެންޓް އަލުން ހަދައި މަސައްކަތް ފެށޭނެކަމަށް ރައީސް ޔަޤީންކަން ދެއްވިއެވެ.
ތަޢުލީމީ ދާއިރާއަށްވެސް ރައީސް އަލިއަޅުވާލެއްވި، މިހާރު ނިމުމަކާ ގާތްވެފައިވާ މަޝްރޫޢުގެ ތެރެއިން ހަތަރު ކްލާސްރޫމް އިތުރުކުރުމުގެ ކަންތައް ހަމަޖައްސަވައިދޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ފުޓްސަލް ދަނޑުގެ މަސައްކަތާއި އެހެނިހެން ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މާފަރު އެއަރޕޯޓާ ބެހޭގޮތުން ރައީސް ފާހަގަކުރެއްވީ، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބޭނުންވާ ޓަރމިނަލް ފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އަވަހަށް ފެށޭނެކަމަށެވެ. އަދި އެއަރޕޯޓުގައި ހޮޓަލެއް ފަދަ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންވެސް ސަރުކާރުގައި އެބަހުރިކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށްވެސް ރައީސް ޚާއްޞަ އިސްކަމެއް ދެއްވައި، މިއަންނަ އަހަރު މާފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގާނެކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅޭނެކަމަށް ވިދާޅުވިއެވެ. އާ މަޝްރޫޢުތައް ފެށޭ ރަށްރަށުގެ ތެރޭގައި މާފަރު ހިމެނޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ