މާޅޮހުގައި ޒަޚަމްތަކާއެކު މަރުވި އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވައިފި

މާޅޮހުގައި ޒަޚަމްތަކާއެކު މަރުވި އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވައިފި

Author
ހުސައިން
21 ޖުލައި 2025 05:33
0

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް (65 އަހަރު) ގޭގައި ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައި ފެނުމާ ގުޅިގެން، އޭނާގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށް މިއަދު އިންޑިއާގެ ތްރިވަންތަޕޫރަމަށް ފޮނުވާލައިފިއެވެ.

އަބްދުއްރަހުމާން މަރުވެފައި އޮތް ގޮތް ފުރަތަމަ ފެނުނީ އޭނާގެ އަނބިމީހާ ނާޒިމާއަށް ކަމަށާއި، ފަހުން އެރަށުގެ އިތުރު މީހުންނަށް ވެސް އެ މަންޒަރު ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މި ވަގުތު ފުލުހުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވެސް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގު ޓީމެއް މާލެއިން މާޅޮހަށް ގޮސްފައިވާއިރު، އެރަށުގައި ޕޮލިސް ސްޓޭޝަނެއް ނެތުމުން ތަހުގީގުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައުންސިލް އިދާރާގައެވެ. ތަހުގީގު ޓީމުން ބައެއް މީހުންގެ ބަޔާން ނަގައި، އިނގިލީގެ ނިޝާން އަދި އެހެނިހެން ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެނގެއެވެ.

މީގެ އިތުރުން، ނާޒިމާގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓި ނަމަވެސް، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފޯނު މިހާރު ވަނީ ނާޒިމާއާ އަނބުރާ ހަވާލުކޮށްފައެވެ.

ފުލުހުންގެ ތަހުގީގު ޓީމުން ރަށުގައި ހަރަކާތްތެރިވަމުން ދާއިރު، މަރުވި ފިރިހެނާގެ ގެއަށާއި އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން ގެންދެއެވެ. މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، އޮޓޯޕްސީ ރިޕޯޓު ލިބުމުން މައްސަލައިގެ ތަފްސީލުތައް އިތުރަށް ސާފުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.