ދަރަނި ދެއްކުމަށް ދަތިނުވާގޮތަށް މިއަހަރާއި އަންނައަހަރު ހުރިހާ ވަޢުދެއް ފުއްދާނަން: ރައީސް

ދަރަނި ދެއްކުމަށް ދަތިނުވާގޮތަށް މިއަހަރާއި އަންނައަހަރު ހުރިހާ ވަޢުދެއް ފުއްދާނަން: ރައީސް

Author
ހުސައިން
21 ޖުލައި 2025 05:32
0

ރާއްޖޭގެ ދަރަނިތައް އަދާކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ގޮތަކަށް، މިއަހަރާއި އަންނަ އަހަރު ތެރޭގައި ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދުމުގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ކެނދިކުޅުދޫއަށް ބަހުގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ދެއްވި ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދުކަން ފާހަގަކުރައްވައި، މިހާރު އެ ޚިދުމަތް ފެށިފައިވާއިރު، ރައްޔިތުންނާއި ސްކޫލް ކުދިން ބޭނުންވާ ގޮތަށް އެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ދެ ބަހުން ފެށި މި ޚިދުމަތް، ކުރިމަގުގައި އިތުރަށް ފުޅާކުރެވޭނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަޝްރޫޢު ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި މުވައްޒަފުން އިތުރުކުރުމަށް ހުއްދަ ދެއްވާފައިވާކަމަށާއި، އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ސިއްޙީ ޚިދުމަތްތައް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކުރުމާއެކު، އިތުރު ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ނުނިމި ހުރި ފެނާއި ނަރުދަމާގެ މަޝްރޫޢަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްފައިވާކަމަށާއި، ދެމަސް ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިމޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މަގު ހެދުމުގެ މަޝްރޫޢުގެ އީއައިއޭ ނިމިފައިވާތީ، އެ މަސައްކަތްވެސް އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ މުހިންމު އެއްކަމަކީ އާމްދަނީ އިތުރުކުރުމަށް ރައްޔިތުންނަށް މަގުފަހިކުރުން. ޓޫރިޒަމްގެ ދާއިރާއިން ފުދުންތެރިކަން އިތުރުކުރުމަކީ އަޅުގަނޑުގެ ވަޢުދެއް،" ރައީސް ވިދާޅުވިއެވެ.

ކެނދިކުޅުދޫ "މެންގްރޫވް އައިލެންޑް" ގެ ގޮތުގައި ބްރޭންޑުކުރުމަށް ކައުންސިލާއި ރައްޔިތުން ދޭ އަހަންމިއްޔަތަށް އިޖާބަދެއްވައި، ރައްޔިތުން އެދޭ ގޮތަށް އިކޯ ޓޫރިޒަމް ފެށުމަށް ގޮތްތަކެއް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މި އަހަރުގެ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގިނަ ރަށްތަކުގައި މަޝްރޫޢުތައް ފެށޭނެކަމަށާއި، އަންނަ އަހަރުވެސް އިތުރު ރަށްތަކުގައި މަޝްރޫޢުތައް ފަށައި، ދެ އަހަރު ތެރޭގައި ދެއްވާފައިވާ ހުރިހާ ވަޢުދުތަކެއް ފުއްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ރަށުގެ ރައްޔިތުން އެދޭގޮތަށް ރަނގަޅު މަގެއް ހޯދައިދޭނަން. ދެންވެސް ހުރި ތަރައްޤީގެ މަޝްރޫޢުތައް މި އަހަރު ތެރޭގައި އަދި އަންނަ އަހަރު ތާވަލުކޮށްފައިވާ ކަންކަން ކުރިއަށްގެންދާނަން،" ކެނދިކުޅުދޫގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދުތަކެއް މި އަހަރާއި އަންނަ އަހަރު ފުއްދައިދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.