ސަރުކާރުގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަތުމުން ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުވެ، ދިވެހި އިޤްތިޞާދަށް ފުދުންތެރިކަން އިތުރުވާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ވަޒީރުންގެ މަޖިލީހުން އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމުމާ ގުޅިގެން ނެރުނު ބަޔާނުގައި ބީއެމްއެލްއިން ބުނީ، އެސްޑީއެފްސީ ބަދަލުކުރާނީ އިސްލާމިކް ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދޭ ޑިޖިޓަލް ބޭންކަކަށް ކަމަށެވެ. މި އައު ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުންގެ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސް ވިޔަފާރިތަކަށް ޚާއްސަ އިސްކަންދޭނެއެވެ.
"އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް. މި ނިންމުމާއެކު، އިސްލާމިކް ބޭންކިންގ ޚިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިންގ ތަޖުރިބާ ފޯރުކޮށްދޭނަން،" ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ނެޓްވޯކާއި، ޑިޖިޓަލް ބޭންކިންގ ތަޖުރިބާ ބޭނުންކޮށްގެން އެމްއެސްއެމްއީ ބޭންކިންގ ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިކުރުމަކީ މި މުޢާމަލާތުގެ މަޤްޞަދުކަމަށް ބޭންކުން ބުންޏެވެ. އެސްޑީއެފްސީއިން ޚިދުމަތް ދޭނީ ޑިޖިޓަލް ލެންޑިންގ ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ޒަމާނީ ހައްލުތަކާއެކުގައެވެ.
ފުރަތަމަ އަހަރު 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގ ދޫކުރުމާއެކު، މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރުމަށް ބީއެމްއެލްއިން ރާވާފައިވެއެވެ. ފައިނޭންސް ދޫކުރާނީ އެސްޑީއެފްސީން މިހާރު ދެމުންދާ ފަހި ޝަރުތުތަކާއެކުގައި ކަމަށް ބޭންކުން ޔަޤީންކަން ދިނެވެ.
ކޮމެންޓު ފޮނުވާ