ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގަވަމުން ގެންދަވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައި ހިމެނޭ ސަރުކާރުގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކާލަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ނިންމުން ނިންމީ ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ޕްރޮޕޯސަލާ ގުޅިގެން މާލީ ވުޒާރާއިން ތައްޔާރުކުރި ދިރާސާއަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މި މުޢާމަލާތުގެ ދަށުން ބީއެމްއެލް އިން ފުރަތަމަ އަހަރު 500 މިލިޔަން ރުފިޔާ އަދި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޖުމްލަ 1.9 ބިލިޔަން ރުފިޔާގެ ލޯން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން އައު ވިޔަފާރިތައް ފެށުމަށް ބޭނުންވާ ފަރާތްތަކަށް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ ޚާއްސަކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ކުދި ވިޔަފާރިތަކަށް ލޯން ދޫކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ޚިދުމަތެކެވެ. ބީއެމްއެލް ފަދަ ބޮޑު މާލީ ޤާބިލުކަން ލިބިފައިވާ އިދާރާއަކަށް އެސްޑީއެފްސީ ބަދަލުވުމުން މި ޚިދުމަތް ފުޅާވެ، ރަނގަޅުވާނެ ކަމަށް އުންމީދުކުރެވެއެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ހިންގަން ފަށާއިރު، އެ އިދާރާ ބަދަލުކުރާނީ އިސްލާމީ ޝަރީޢަތުގެ އުސޫލުތަކުގެ މަތިން މާލީ މުޢާމަލާތްތައް ކުރާ އިދާރާއަކަށެވެ. އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދޭން ރާވާފައިވެއެވެ. މިގޮތުން ބީއެމްއެލްގެ ފުޅާ ނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް އެސްއެމްއީ ލޯންގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
މުހިންމު ކަމަކީ، ބީއެމްއެލްގެ ދަށަށް ބަދަލުވިޔަސް އެސްޑީއެފްސީ އިން ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް މިހާރަށްވުރެ ބޮޑުނުވާނެ ކަމަށް ޔަޤީންކަން ދީފައިވުމެވެ. އަދި ވިޔަފާރިތަކަށް ފަސޭހަ ޝަރުތުތަކާއެކު، އެ ފަރާތްތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވާނެ ގޮތަށް ލޯން ޕްރޮގްރާމްތައް ރޭވިފައި ހުންނާނެއެވެ.
އެސްޑީއެފްސީގެ ހިންގުން ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން ލޯން ޕްރޮސެސްކުރުމުގެ ބާރު މިނެއްގައި އިތުރުވެ، ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ލިބޭނެއެވެ. ބީއެމްއެލްއަކީ ޕަބްލިކް ކުންފުންޏަކަށްވާތީ، އެސްޑީއެފްސީގެ ހިންގުމާއި ބެލެހެއްޓުމުގެ ފެންވަރު މިހާރަށްވުރެ ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ