ރާއްޖޭގެ އޮޑިޓް ދާއިރާގެ ތާރީޚުގައި މުހިންމު ހަރަކާތެއްގެ ގޮތުގައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ) މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފުރަތަމަ އޮޑިޓަރުންގެ ފޯރަމް އިއްޔެ އިފްތިތާހުކޮށްފިއެވެ. "އޮޑިޓް ދާއިރާގެ ފެންވަރު ރަނގަޅުކުރަން އާ ގޮތްތައް ތައާރަފްކޮށް އިތުބާރު އިތުރުކުރުން" މި ޝިއާރުގެ ދަށުން ބޭއްވި މި ފޯރަމް އިފްތިތާހުކޮށްދެއްވީ ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.
މި ފޯރަމުގައި 100 އަށްވުރެ ގިނަ އޮޑިޓް ދާއިރާގެ ފަންނީ މާހިރުން ބައިވެރިވި އިރު، އޮޑިޓް އަދި އެޝުއަރެންސް ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ. ހަލީމް ވިދާޅުވީ، އޮޑިޓަރުންނަށް ހާއްސަ މިފަދަ ޕްލެޓްފޯމްތައް ގާއިމުކުރުމުން މައުލޫމާތު ހިއްސާކުރުމާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، މުސްތަގުބަލުގައި ކުރިމަތިވާނެ ކަންކަމަށް ތައްޔާރުވުމަށް މަގުފަހިވާނެ ކަމަށެވެ.
ފޯރަމުގެ ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވި ކުރީގެ އޮޑިޓާ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ކުރީގެ ރައީސް ހަސަން ޒިޔަތު ގޮވާލެއްވީ، އޮޑިޓަރުން މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރުން، އިދާރާތަކަށް މަގުދައްކައިދޭ ލީޑަރުންގެ ގޮތުގައި މަސައްކަތްކުރުމަށެވެ. މަގުސަދެއްގައި މަސައްކަތްކުރުމާއި އަހުލާގު އަދި ނަތީޖާގެ މުހިންމުކަން ފާހަގަކުރައްވައި، މި ފޯރަމަކީ އޮޑިޓް ދާއިރާގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ހަރަކާތެއް ކަމަށް ޒިޔަތު ވިދާޅުވިއެވެ.
ފޯރަމުގައި ދާއިރާގެ ފަންނީ މާހިރުންގެ ޕެނަލް މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު އިރު، އެސްއޯއީ އޮޑިޓްތަކާއި އޭގެ ފެންވަރު ބެލުމާއި، ޕްރޮފެޝަނަލް ހިދުމަތްތަކުގެ އަގު ކަނޑައެޅުން ފަދަ މުހިންމު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޑީލޮއިޓް، ކޭޕީއެމްޖީ، އަދި އާނެސްޓް އެންޑް ޔަންގް ފަދަ ސަރަހައްދީ މަޝްހޫރު އޮޑިޓް ފާމުތަކުގެ ތަޖުރިބާކާރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މާހިރުން ވާހަކަދެއްކެވިއެވެ.
މި ތަޖުރިބާކާރުން އޮޑިޓްގެ ފެންވަރު މަތިކުރުމާއި، އެންޓި-މަނީ ލޯންޑްރިން، ތިމާވެށި، ސޯޝަލް އެންޑް ގަވަނަންސް (އީއެސްޖީ) އަދި އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީތަކާ ގުޅޭ ގޮންޖެހުންތަކާ ބެހޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކޮށްފިއެވެ.
ފޯރަމް ނިންމާލެއްވީ ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރު އަލީ މުއާޒެވެ. އޭނާ ވިދާޅުވީ، އޮޑިޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރުމުގައި ސީއޭ މޯލްޑިވްސްއިން ދެމިތިބޭނެ ކަމަށެވެ. މި ފޯރަމަކީ ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއެރުވުމަށް ކުރެވުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސީއޭ މޯލްޑިވްސްއިން ފާހަގަކޮށްފިއެވެ.
ކޮމެންޓު ފޮނުވާ