ސައުދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދް ބިން ޚާލިދު ބިން ޠާލާލް، 20 އަހަރު ދިގު މުއްދަތަކަށް ކޯމާގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ. ދުނިޔޭގައި "ސްލީޕިން ޕްރިންސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ޕްރިންސް އަވަހާރަވިކަން އިއުލާނުކުރެއްވީ އޭނާގެ ބައްޕަ، ޕްރިންސް ޚާލިދު ބިން ޠަލާލްއެވެ.
2005 ވަނަ އަހަރު ލަންޑަނުގައި ހިނގި ބޮޑު ޓްރެފިކް ހާދިސާއަކުން ޕްރިންސް އަލްވަލީދަށް ލިބުނު ބޮޑު އަނިޔާތަކާ ގުޅިގެން އޭނާ ވަނީ ކޯމާއަކަށް ގޮސްފައެވެ. އެ ހާދިސާއިން ފެށިގެން މިއަދާ ހަމައަށް އޭނާ އޮންނެވީ ސިހުން ނެތި، މެޑިކަލް ސަޕޯޓްގެ އެހީގައެވެ.
ޕްރިންސް ޚާލިދު ވިދާޅުވި ގޮތުގައި، އޭނާގެ ދަރިކަލުންގެ ޖަނާޒާ ނަމާދު ކުރެވޭނީ އާދީއްތަ ދުވަހު އަސުރު ނަމާދަށްފަހު، ރިޔާދުގައި ހުންނަ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައެވެ.
މި ދިގު މުއްދަތުގައި ޕްރިންސް އަލްވަލީދަށް ފުރިހަމަ ޞިއްޙީ ފަރުވާ ލިބެމުން ދިޔައީ ޑޮކްޓަރުންގެ ޓީމެއް ދުވާލާއި ރޭ ބަލަހައްޓަމުންނެވެ. ކޯމާގައި އޮންނެވި މުއްދަތުގައި ބައެއް ފަހަރު ކުޑަކުޑަ ހަރަކާތްތަކެއް ފެނުނު ނަމަވެސް، އެއީ ސިހުން އަރައިގަތުމުގެ ބޮޑު އުއްމީދެއް ލިބޭ ފަދަ ކަންތައްތަކެއް ނޫނެވެ.
ޕްރިންސް ޚާލިދު، ދަރިކަލުންގެ ލައިފް ސަޕޯޓް ނެގުމަށް ވަރަށް ބޮޑަށް އިންކާރު ކުރެއްވިއެވެ. އެއީ ދިރުމާއި މަރުގެ ފައިސަލާ ކުރައްވަނީ މާތް ﷲ ކަމަށް އީމާންވާތީއެވެ.
ޕްރިންސް އަލްވަލީދުގެ ހާލަތަށް ސައުދީ އަރަބިއްޔާގައި އަދި ރާއްޖެއިން ބޭރުގައި ވެސް ގިނަ ބަޔަކު ހަމްދަރުދީ ފާޅުކޮށް، އޭނާގެ ޞިއްޙީ ހާލަތުގެ އަޕްޑޭޓްތައް ބަލަމުން ގެންދިޔައެވެ. އެތައް މިލިއަން މީހުން އޭނާގެ ވާހަކަ ގަވާއިދުން ބަލަމުން ގެންދިޔައެވެ.
"ސްލީޕިން ޕްރިންސް" ގެ ވާހަކަ އަކީ ކޯމާގައި ތިބޭ މީހުންގެ އާއިލާތަކަށް އުއްމީދުގެ އަލިކަމެއް ގެނައިދިން ވާހަކައެކެވެ. އޭނާ މިހާ ދިގު މުއްދަތަކަށް ކޯމާގައި އޮތުމަކީ، ކޯމާއިން އަރައިގަތުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމުގެ ހެކިކަމަށް ގިނަ ބަޔަކު ދެކެމުން ގެންދިޔައެވެ. ޕްރިންސް އަލްވަލީދަށް ކޯމާއިން އަރައިގަތުމުގެ ނަސީބު ނުލިބުނު ނަމަވެސް، އޭނާގެ ވާހަކައިން ހިތްވަރު ލިބިގެން، އެހެން ގިނަ މީހުން ކޯމާއިން ސަލާމަތްވެފައިވާ ވާހަކަތައް ރިޕޯޓު ކުރެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ