އެސްޓްރޮނޮމަރގެ ސީއީއޯ ކޯލްޑްޕްލޭ ކޮންސަރޓްގައި ދެއްކި ޢަމަލަކާ ގުޅިގެން މަޤާމުން ވަކިވޭ

އެސްޓްރޮނޮމަރގެ ސީއީއޯ ކޯލްޑްޕްލޭ ކޮންސަރޓްގައި ދެއްކި ޢަމަލަކާ ގުޅިގެން މަޤާމުން ވަކިވޭ

Author
ހުސައިން
20 ޖުލައި 2025 10:04
0

އެމެރިކާގެ މެސެޗޫސެޓްސްގައި ބޭއްވި ކޯލްޑްޕްލޭ ކޮންސަރޓެއްގައި މުވައްޒަފަކާއެކީ ގައިގޯޅިކޮށް ހުއްޓާ ފަޞީހަތްވި، ޓެކްނޮލޮޖީ ކުންފުނި އެސްޓްރޮނޮމަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެންޑީ ބައިރަން، މަގާމުން އިސްތިއުފާ ދީފިއެވެ.

ކޮންސަރޓްގައި ބައިރަން އޭނާގެ ކުންފުނީގެ އެޗްއާރް ޑިޕާޓްމަންޓްގެ ވެރިޔާ ކްރިސްޓިން ކެބޮޓްއާ އެކު ގައިގޯޅިކޮށް ހުރި މަންޒަރު ވައިރަލްވުމުން، އޭނާ ހުށަހެޅި އިސްތިޢުފާ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުން ވަނީ ޤަބޫލުކޮށްފައެވެ.

އެސްޓްރޮނޮމަރ ކުންފުނިން އެކްސް (ކުރިން ޓްވިޓަރ) ގައި ކޮށްފައިވާ ބަޔާނެއްގައި ވަނީ، ކުންފުނި އުފެދުނީއްސުރެ ޤަބޫލުކުރެވޭ އަޚްލާޤީ މިންގަނޑުތަކާއި ސަޤާފަތް ދަމަހައްޓަން އަބަދުވެސް މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް ފަހަކަށް އައިސް އެ މިންގަނޑުތައް ހިފެހެއްޓިފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ. "އަޅުގަނޑުމެންގެ ލީޑަރުން ޢަމަލުތަކާއި ޒިންމާތަކުގައި ނަމޫނާ ދައްކަންޖެހޭނެ" ކަމަށް ކުންފުނިން ބުންޏެވެ.

20 ސިކުންތު ހޭދަވާ ވީޑިއޯއެއްގައި ފެންނަ މި މަންޒަރު ސޯޝަލް މީޑިއާގައި ފެތުރުމާއެކު، ބައިރަންއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، އޭނާ މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނުވަތަ ކޮމެންޓެއް ދީފައެއް ނުވެއެވެ. އެމެރިކާގެ މީޑިއާތަކުން އޭނާގެ ވާހަކައެއް ހޯދުމަށް ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބު ވެފައެވެ.

ކުންފުނީގެ ކޯ-ފައުންޑަރއާއި ޗީފް ޕްރޮޑަކްޓް އޮފިސަރ ޕީޓް ޑިޖޯއި، ވަގުތީ ސީއީއޯގެ ގޮތުގައި ޢައްޔަންކޮށްފައިވާއިރު، ދާއިމީ ސީއީއޯއެއް ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް އެސްޓްރޮނޮމަރ އިން ހާމަކޮށްފައިވެއެވެ.

މިދިޔަ އަހަރުތަކުގައި ޓެކް އިންޑަސްޓްރީގައި ކުންފުނިތަކުގެ އިސްވެރިންގެ ޢަމަލުތަކާ ގުޅޭ މައްސަލަތައް އިތުރުވަމުންދާއިރު، އެސްޓްރޮނޮމަރގެ މި ފިޔަވަޅަކީ ކޯޕަރޭޓް ލީޑަރޝިޕްގައި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް ދަމަހައްޓުމުގެ މުހިންމުކަން ފާހަގަކުރާ ނަމޫނާއެކެވެ. ކްރިސްޓިން ކެބޮޓްގެ މަޤާމާ މެދު ކުންފުނިން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.