ނަފްސާނީ އުނދަގޫތަކާ ކުރިމަތިލާ ފަރާތްތަކަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދޭ ޤައުމީ ހެލްޕްލައިން 1677 ގެ ޚިދުމަތް ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ވަގުތީ ގޮތުން ހުއްޓިފައިވާ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.
މި ޑިޕާޓްމަންޓުން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 7265402 ނަންބަރަށް ގުޅައިގެން ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ހެލްޕްލައިން 1677 ގެ ޚިދުމަތް އަލުން ފެށުމާމެދު އިތުރު މަޢުލޫމާތު ވީ އެންމެ އަވަހަކަށް ޢާންމުކުރާނެ ކަމަށް ޑިޕާޓްމަންޓުން ބުނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 21 ގައި އިފްތިތާޙު ކުރެވުނު މި ޚާއްޞަ ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ ހާލަތްތަކުގައި ތިބޭ އުމުރުގެ ތަފާތު ހުރިހާ ފަރާތްތަކަށް ފުރަތަމަ އެހީތެރިކަން 24 ގަޑިއިރު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މި ޚިދުމަތަކީ ނަފްސާނީ ބަލިތަކާ ކުރިމަތިލާ ފަރާތްތަކަށް ވަރަށް މުހިންމު ސަޕޯޓެއް ފޯރުކޮށްދޭ ޚިދުމަތެކެވެ.
ކޮމެންޓު ފޮނުވާ