2010 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީއެންއެފްގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ވެރިކަމަށް އައިމާ ދައުލަތުގެ އެސެޓް ވިއްކާ ބައެކެވެ.
ޔާމީން ފާހަގަކުރެއްވި ގޮތުގައި، އޭރު އެމްޑީޕީ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މާލިއްޔަތު ގާނޫނަށް އިސްލާހެއް ގެނައި ނަމަވެސް، އެ އެއްބަސްވުން ކުރިއަށް ގެންދިޔަ ކަމަށެވެ. 2012 ގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އެ އެއްބަސްވުން އުވާލުމުން، ޖީއެމްއާރަށް ގާތްގަނޑަކަށް 270 މިލިއަން ޑޮލަރުގެ ބަދަލު ދޭން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެއްބަސްވުން ހެދުމާއެކު ޖީއެމްއާރުން ދޭން ޖެހޭ 78 މިލިއަން ޑޮލަރުގެ ތެރެއިން 12-15 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގުނު ކަމަށާއި، ފަހުން އެނގުނު ގޮތުގައި އެއީ ޖީއެމްއާރުގެ މީހުން ކުރި ދަތުރުފަތުރުގެ ހަރަދަށް ކެނޑި އެއްޗެއް ކަމަށް ޔާމީން ވިދާޅުވި އެވެ. "އެއީ ޕަކަޅާކޮށްފައި ހުރި ލާރި" ކަމަށް ވިދާޅުވި އެމަނިކުފާނު، އޭގެ ހަގީގަތް އެނގޭނީ އެމްޑީޕީގެ ވެރިންނަށް ކަމަށް ވިދާޅުވި އެވެ.
ޖީއެމްއާރުން އެއާޕޯޓް ހިންގި ފުރަތަމަ އަހަރު ސަރުކާރަށް ދެއްކީ އެންމެ 15 މިލިއަން ރުފިޔާ ކަމަށާއި، އެ ކުންފުނި އެއާޕޯޓް ތަރައްގީކުރުމަށް ވުރެ ބޮޑަށް ބެލީ ވީހާވެސް ބޮޑު ފައިދާއެއް ނަގަން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ. "ކިރު ފެލަން ގެންގުޅުނު ގެރިއެއްގެ ގޮތަށް އެއާޕޯޓް ގެންގުޅުނީ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލްގެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން 357 މިލިއަން ޑޮލަރަށް ނިންމަން ރާވާފައި އޮތް މަޝްރޫއު، އެމްޑީޕީ ސަރުކާރުން 600 މިލިއަން ޑޮލަރަށް އަރުވައިފައިވާ ކަމަށެވެ. "މި ތަފާތު މިއީ އެމީހުން ކާލި ލާރި" ކަމަށް ޔާމީން ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދާކަށްދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޖީއެމްއާރުގެ އެއްބަސްވުން އުވާލުމުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވި ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަކު މި އަދަދު ނުކުންނަ ގޮތެއް އަދި ސާފެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އާ ޓާމިނަލަށް މިހާތަނަށް ނަގާފައިވަނީ 457 މިލިއަން ޑޮލަރުގެ ލޯނެވެ. މީގެ ތެރޭގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 217 މިލިއަން ޑޮލަރާއި، ކުވޭތު ފަންޑުން 100 މިލިއަން ޑޮލަރާއި، އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު ހިމެނެ އެވެ.
ޔާމީން ފައްޔާޒަށް ކުރެއްވި ސުވާލަކީ، ވީއައިއޭގެ ތަރައްގީއަކީ ގައުމަށް ގެއްލުމެއް ކަމަށް ފެނުނު ނަމަ އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އާ ޓާމިނަލްގެ މަސައްކަތް ހުއްޓާނުލީ ކީއްވެތޯ އެވެ. 2018 ގައި އެމްޑީޕީ ވެރިކަމާ ހަވާލުވި އިރު ޓާމިނަލްގައި ހުރީ ހަމައެކަނި ބިންގާ އަޅާފައި ކަމަށާއި، ފައްޔާޒު ބޭނުންވި ނަމަ އެ މަޝްރޫއު ހުއްޓާލެވުނީސް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ