ރާއްޖޭގެ މައި ސަރުކާރު ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އައިނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމައި، ކުރިއަށް އޮތް މަހު ހޮސްޕިޓަލް ތެރޭގައި އައިނު ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުން ދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި، މި ފިހާރައިން ރައްޔިތުންނަށް އަމިއްލަ ޖީބުން ބޮޑު ޚަރަދެއް ނުކޮށް އައިނު ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ހޮސްޕިޓަލުން އައިނު ހެދުމަށް ބޭނުންވާ ދުނިގަނޑާއި ލޯކޮޅު ސީދާ ބޭރު ޤައުމުތަކުން އިމްޕޯޓްކުރުމަށް ނިންމާފައިވާތީ، އައިނު ހެދުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާއެކު، ހޮސްޕިޓަލް ތެރޭގައި ހުޅުވާ ފިހާރައިން ލޮލުގެ ނަމްބަރު ނެގުމުގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، އެހެން ހޮސްޕިޓަލްތަކުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހަދައިދިނުމުގެ ޚިދުމަތް ލިބޭނެއެވެ.
ރާއްޖޭގައި މިހާތަނަށް އައިނު ހެދުމުގެ ވިޔަފާރި ކުރަމުން ގެންދަނީ އަމިއްލަ ފަރާތްތަކުންނެވެ. އަގު ކޮންޓްރޯލްކުރާ ނިޒާމެއް ނެތުމުގެ ސަބަބުން ރާއްޖޭގައި އައިނު ހެދުމުގެ އަގު ވަރަށް ބޮޑުވެފައިވާ ކަމަށް ޝަކުވާ އުފުލެއެވެ. އަވައްޓެރި ޤައުމުތަކުގައި 300 ރުފިޔާއަށް ހެދޭ ފެންވަރުގެ އައިނެއް ރާއްޖޭގައި ހެދެނީ 4000 ރުފިޔާ ދައްކައިގެން ކަމަށް ފާހަގަކުރެވެއެވެ.
އާސަންދައިން އައިނު ހެދުމަށް ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދެމުން ދިޔަ 1000 ރުފިޔާގެ އެލަވަންސް، މިދިޔަ ޖޫން މަހު 2000 ރުފިޔާއަށް އިތުރުކޮށްފައިވާއިރު، އައިޖީއެމްއެޗް އިން އައިނުގެ ޚިދުމަތް ފަށާނެ ކަމުގެ ޔަޤީންކަން މިދިޔަ މެއި މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ