ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކުގެ ޤައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ތައާރަފް ކޮށްފި

ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކުގެ ޤައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ތައާރަފް ކޮށްފި

Author
ހުސައިން
17 ޖުލައި 2025 11:16
0

ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކުގެ ޤައުމީ ބްރޭންޑެއްގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" ގެ ނަމުގައި އައު ބްރޭންޑެއް ސަރުކާރުން ތައާރަފުކޮށްފިއެވެ. މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީ، އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައިނަލްއަޤްވާމީ ފެންވަރުގައި ތަމްސީލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ލިބިފައިވާ މުހިންމު ކުރިއެރުމެކެވެ. މި ބްރޭންޑްގައި ހިމެނެނީ ދިވެހި މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި، ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަން ފާހަގަކޮށްދޭ ލޯގޯއެކެވެ.

މި ބްރޭންޑުން ފާހަގަކޮށްދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ތިމާވެށްޓާ ރައްޓެހި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ، އިޖްތިމާއީ ބައިވެރިވުން ހިމެނޭ، ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާއަތެއްކަމެވެ. ހަމައެއާއެކު ކަނޑުގެ ވެއްޓާއި ދިވެހިންގެ ދިރިއުޅުމާ ދެމެދު ޒަމާނުއްސުރެ އޮތް ދެމެހެއްޓެނިވި ގުޅުމާއި، ދިވެހީންގެ އުފެއްދުންތެރިކަމާއި ސަޤާފީ މުއްސަނދިކަން މި ބްރޭންޑުން ދައްކުވައިދޭކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

މި ބްރޭންޑް ތައާރަފުކުރުމަކީ ކަނޑުގެ ވަސީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފުޅާދާއިރާއެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ހިސާބެއްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، މަސް ޕްރޮސެސްކޮށް ފިނިކޮށް ރައްކާކުރުމުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަގްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ ރައީސް މުއިއްޒު އުފައްދަވައިފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެއްކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.