ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގެ ފަސޭހަތައް އިތުރުކުރަން މަސައްކަތް ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގެ ފަސޭހަތައް އިތުރުކުރަން މަސައްކަތް ކުރަނީ

Author
ހުސައިން
17 ޖުލައި 2025 03:28
0

ދިވެހިރާއްޖޭގައި ކުރިއަށް އޮންނަ އިންތިހާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޗްއާރުސީއެމްއިން ހާމަކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނި ގޮތުގައި، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު ފަހިވި، އެކަމުން އެފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. މީގެ އިތުރުން، ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް މި ޚިދުމަތް ދެމެހެއްޓުމަށް ރާވާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ނަމަވެސް، މިދިޔަ އިންތިހާބުތަކުގައި ވީލްޗެއާ ބޭނުންކުރާ މީހުންނަށް ވޯޓުލާ މަރުކަޒުތަކަށް ވަނުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކުރެވިފައިވެއެވެ. ޚާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ރޭމްޕް ނެތުމުގެ ސަބަބުން ވަދެނުކުތުމަށް ދަތިވާކަން އެޗްއާރުސީއެމްއިން ފާހަގަކުރިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްއާރުސީއެމްއިން ސާވޭއެއް ހަދައި، އޭގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވެއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އޭގެފަހުން ބޭއްވުނު އިންތިހާބުތަކުގައި މި ކަންކަން ރަނގަޅުވަމުންދާކަން ފާހަގަކުރެވޭކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.