ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު މުޙައްމަދު ލުވޭޒް، ސަފީރުކަމުގެ ފަތްކޮޅު ނިއުޒިލޭންޑްގެ ގަވަރނަރ-ޖެނެރަލް ދަ ރައިޓް އޮނަރަބަލް ޑޭމް ސިންޑީ ކިރޯއަށް އަރުއްވައިފިއެވެ. ވެލިންގޓަންގައި ހުންނަ ގަވަރމެންޓް ހައުސްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް ގަވަރނަރ-ޖެނެރަލަށް އަރިސްކުރެއްވިއެވެ.
ސަފީރު ލުވޭޒް ވިދާޅުވީ، އޭނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެއާއި ނިއުޒިލޭންޑާ ދެމެދު ދިގު ޒަމާނެއްވަންދެން ދެމިއޮތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ކުރައްވާނެ މަސައްކަތްތަކަށް އިސްކަންދެއްވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޖަލާލާ ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުޙައްމަދު ލުވޭޒްއަކީ މިހާރު ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އޭނާ ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ