ސްރީ ލަންކާގެ ކަސްޓަމްސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 3.74 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި 35 ކިލޯގްރާމުގެ ރަން ވަގަށް އެތެރެކުރަން އުޅެނިކޮށް 32 އަހަރުގެ ވިޔަފާރިވެރިއެއް އިއްޔެ ހައްޔަރުކޮށްފިއެވެ.
ކޮލަމްބޯއަށް ނިސްބަތްވާ މި ވިޔަފާރިވެރިޔާ ދުބާއީ މަގުން އެމިރޭޓްސް ފްލައިޓެއްގައި ބަންޑާރަނާޔަކަ އެއާޕޯޓަށް އައިސްފައިވަނީ 1.10 ބިލިޔަން ލަންކާ ރުޕީސްގެ އަގުހުރި ރަން، ކާރުގެ ސްޕެއާޕާޓުތަކެއްގެ ގޮތުގައި މޮޑިފައިކޮށް އަދި ސޫޓްކޭހުގެ ތެރޭގައި ފޮރުވައިގެންނެވެ.
ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު ރަނުގެ ތެރޭގައި ގޯލްޑް ބިސްކަޓް އަދި ގަހަނާ ހިމެނެއެވެ. މިއީ ލަންކާގެ ތާރީޚުގައި ވައިގެ މަގުން ވަގަށް އެތެރެކުރަން އުޅެނިކޮށް އެންމެ ބޮޑު އަދަދެއްގެ ރަނާއެކު ހައްޔަރުކުރެވުނު މީހާ ކަމުގައި ކަސްޓަމްސް އިން ފާހަގަކޮށްފައިވެއެވެ.
މި މުހިންމު އޮޕަރޭޝަންގެ ބޮޑުކަމުން، އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ކަސްޓަމްސްގެ އެންމެ އިސް ވެރިންވެސް ބަންޑާރަނާޔަކަ އެއާޕޯޓަށް ވަޑައިގެން، އޮޕަރޭޝަން ބެއްލެވިކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ހައްޔަރާ ގުޅިގެން ތަޙްޤީޤު ކުރިއަށްދާއިރު، ވަގަށް ރަން އެތެރެކުރުމުގެ ބޮޑު ނެޓްވޯކެއް ހާމަވުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ