އއ. މާޅޮހުގައި ހޮނިހިރު ދުވަހުގެ ރޭ އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް (65) އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މާލެއިން ގޮސްފައިވާ ތަހުގީގު ޓީމުން މިހާރު ކުރަމުންދަނީ ރަށުގެ ބައެއް މީހުންނާ ސުވާލުކޮށް، އިނގިލީގެ ނިޝާން ނެގުމުގެ އިތުރުން ހަށިގަނޑުގެ އެހެނިހެން ސާމްޕަލްތައް ނެގުމުގެ މަސައްކަތެވެ.
މާޅޮހުގައި ޕޮލިސް ސްޓޭޝަނެއް ނެތުމުން، ތަހުގީގުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ބަޔަކު ގޭގެއަށް ގޮސް، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަމުން ގެންދާކަމަށް މައުލޫމާތު ލިބެއެވެ.
އާއިލާގެ މެންބަރަކު ދިން މައުލޫމާތުގައި ވާގޮތުން، އެދުވަހު ހަވީރު 5:30 ގައި ރޭގަނޑުގެ ކެއުމަށް ތައްޔާރުވުމަށްފަހު އަބްދުއްރަހުމާން ނިދަން ވަނީ ރޭގަނޑު 9:00 ޖެހުމާ ގާތްވެފައި ވަނިކޮށެވެ. އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ވެސް އަވަހަށް ނިދާފައިވާ ކަމަށް ބުނެއެވެ. ދެމަފިރިން ނިދަނީ ވަކިވަކި ކޮޓަރިތަކުގައެވެ.
ރޭގަނޑުގެ ދަންވަރުގައި ގޭތެރެއިން އަޑެއް އިވިގެން ނާޒިމާ ހޭލެވި، ކޮޓަރިން ނުކުމެ ސިޓިންރޫމަށް ބަލާފައި ވެއެވެ. އެއްވެސް މީހަކު ނުފެނުނު ނަމަވެސް، ގޭގެ ބޮޑުދޮރު ހުޅުވިފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.
ބޮޑެތި ޒަހަމްތަކާއެކު އޮތް އަބްދުއްރަހުމާންގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ. ދެން އެރަށުގެ އިތުރު މީހުންނަށް ވެސް ހަށިގަނޑު ފެނި، ހޮސްޕިޓަލަށް ގެންދިޔުމުގައި އެހީތެރިވި ކަމަށް ވެއެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިއްޔެ މާލެ ގެނެސްފައިވާއިރު، މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ތަހުގީގާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އެރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަމުން ގެންދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ