ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 2852 މީހުންނަށް އާސަންދައިން ކަވަރު ނުކުރާ ބޮޑެތި ބަލިތަކުގެ ފަރުވާކުރުމަށް އިންޝުއަރެންސް ކަވަރޭޖެއް ހަމަޖައްސައިދޭނެ ކުންފުންޏެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އުފައްދަވާފައިވާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ތައާރަފްކުރާ އައު ޚިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ފަގީރުންނަށް އާސަންދައިން ނުލިބޭ ފަރުވާތަކަށް އަމިއްލައަށް ހަރަދުކުރަންޖެހޭ ބޮޑެތި ޚަރަދުތަކުން ސަލާމަތްވެގެންދާނެއެވެ.
ޚާއްސަކޮށް ފުރާނަ ސަލާމަތްކުރުމަށް ރާއްޖެއިން ބޭރުން ކުރަންޖެހޭ ބޮޑެތި ފަރުވާތަކަށާއި، ރާއްޖޭގައި ނުލިބޭ ޚާއްސަ ބޭސްތައް ބޭރުން ގެންނަންޖެހޭ ހާލަތްތަކުގައި މި އިންޝުއަރެންސްގެ ދަށުން ކަވަރޭޖް ލިބިގެންދާނެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން އިންޝުއަރެންސް ހިދުމަތްދިނުމުގެ ލައިސަންސް ލިބިފައިވާ ކުންފުނިތަކަށެވެ. ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންގާފައިވެއެވެ.
އަންދާސީ ހިސާބުތައް ހުށަހަޅަންޖެހޭނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. މިއީ ޒަކާތު ފަންޑުން ފަގީރުންނަށް ފޯރުކޮށްދޭ ބޭސްފަރުވާއާއި އެހެނިހެން އެހީތެރިކަމުގެ އިތުރުން، ބޮޑެތި ބަލިތަކުގެ ފަރުވާއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ