މިއަހަރުގެ ފުރަތަމަ 6 މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓް ހިނގާފައިވޭ

މިއަހަރުގެ ފުރަތަމަ 6 މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓް ހިނގާފައިވޭ

Author
ހުސައިން
14 ޖުލައި 2025 08:16
0

2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި 1101 މަގުމަތީ އެކްސިޑެންޓެއް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހު ޕޮލިސް ސަރވިސްއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖަނަވަރީ 1 އިން ޖޫން 30 އާ ހަމައަށް މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ރިޕޯޓްކުރެވުނު އެކްސިޑެންޓްތަކުގެ ތެރެއިން 295 އެކްސިޑެންޓަކީ ސައިކަލާއި ކާރު ޖެހިގެން ހިނގި ހާދިސާތަކެވެ. އަދި ސައިކަލާއި ސައިކަލް ޖެހިގެން 267 ހާދިސާއެއް ހިނގައިފައިވެއެވެ.

މި މުއްދަތުގައި ހިނގި ހާދިސާތަކުގެ ތެރެއިން 91 ހާދިސާއެއްގައި އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ފިލައިގެން ގޮސްފައިވާއިރު، ކާރާއި ކާރު ޖެހިގެން 89 ހާދިސާއެއް ހިނގައިފައިވެއެވެ. ހަމައެއާއެކު ސައިކަލުން މީހެއްގެ ގައިގައި ޖެހިގެން 20 ހާދިސާއަކާއި، ކާރުން މީހެއްގެ ގައިގައި ޖެހިގެން 6 ހާދިސާއެއް ރިޕޯޓްކުރެވިފައިވެއެވެ.

ފެބްރުއަރީ މަހަކީ އެންމެ ގިނައިން އެކްސިޑެންޓް ހިނގި މަހެވެ. އެ މަހު 215 އެކްސިޑެންޓެއް ރިޕޯޓްކުރެވިފައިވާއިރު، މެއި މަހު 207 އެކްސިޑެންޓެއް ހިނގައިފައިވެއެވެ.

މި ހާދިސާތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެފައިވާއިރު، 121 މީހަކަށް އަނިޔާވެފައިވެއެވެ. އަނިޔާވި މީހުންގެ ތެރެއިން 61 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށް ޕޮލިހުން ބުނެއެވެ. ޖުމްލަ އެކްސިޑެންޓްތަކުގެ 6 ޕަސެންޓުގައި ބޮޑެތި އަނިޔާތައް ވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕޮލިހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހިނގި އެކްސިޑެންޓްތަކުގެ 68 ޕަސެންޓު، އެއީ 745 ހާދިސާއެއް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. ރޭގަނޑުގެ ވަގުތުގައި 356 އެކްސިޑެންޓެއް ހިނގައިފައިވެއެވެ.

ސަރަހައްދުތަކަށް ބަލާއިރު، މާލެ ސިޓީގައި އެކަނި 911 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސިނަމާލެ ބްރިޖާއި ހައިވޭ ސަރަހައްދުގައި 190 އެކްސިޑެންޓެއް ރިޕޯޓްކުރެވިފައިވާކަމަށް ޕޮލިހުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.