ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

Author
ހުސައިން
14 ޖުލައި 2025 01:44
0

މާފަންނު ބަސް ޓާމިނަލް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ "އެކްސް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި ޒުވާން އަލްސަން ދުނިޔެއާ ވަކިވި ޚަބަރު އަޑުއެއްސެވީ ވަރަށް ބޮޑު ހިތާމައާއެކު ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަރްހޫމް އަލްސަންއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވާ ކަމަށާއި، ދެރަވި ހާދިސާގައި ލޮބުވެތި ދަރިފުޅު ގެއްލުނު އާއިލާއަށް އިޚްލާޞްތެރި ތައުޒިޔާ އަރިސްކުރައްވާ ކަމަށެވެ.

މި ހާދިސާގައި ޒަޚަމްވި ދެ ފަރާތަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ އަލްސަންގެ އާއިލާއަށް ހިތްގައިމު ތައުޒިޔާ އަރިސްކުރައްވާފައެވެ.

ކަފިހި ހުރަސް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި، ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އޭގެ ފަހުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ޕިކަޕެއްގައި ޖެހިފައިވެއެވެ. މި ހާދިސާގައި ހަޔާތުން ވަކިވި އަލްސަންއަކީ، ދިވެހި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ.

ހާދިސާގައި އަލްސަންގެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ޒުވާނަކާއި، މަގު ހުރަސްކުރި 40 އަހަރުގެ ފިރިހެނަކަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން، އެ ދެ ފަރާތަށް މިވަގުތު އައިޖީއެމްއެޗްގައި އިންޓެންސިވް ފަރުވާ ދެމުންދެއެވެ. ފުލުހުން ދީފައިވާ މައުލޫމާތުގައި ވާގޮތުން، މި ދެ މީހުންގެ ހާލަތު ވަރަށް ނާޒުކު ކަމަށް ބުނެފައިވާއިރު، އައިޖީއެމްއެޗުން ހާމަކޮށްފައިވަނީ 40 އަހަރުގެ ފިރިހެން މީހާ މިވަގުތު ވެންޓިލޭޓަރުގައި ބަހައްޓައިގެން ފަރުވާ ދެމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.