މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި ޓްރެފިކް ހާދިސާގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދުގެ ކަށުނަމާދު މިއަދު ޢަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކުރިއަށް ގެންދާނެ ކަމަށް އާއިލާއިން ހަމަޖައްސައިފިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ރޭ ބޮޑުތަކުރުފާނު މަގުގައި ދެ ޒުވާނުން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން، ކަފިހި ހުރަހުން މަގު ހުރަސްކުރަމުން ދިޔަ 40 އަހަރުގެ ފިރިހެނަކާ ގުޅިގެންނެވެ. އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ސައިކަލް ޖެހުމުން ހާދިސާ ވަނީ އިތުރަށް ބޮޑުވެފައެވެ.
ސައިކަލް ދުއްވަމުން ދިޔައީ އަލްސަން ކަމަށް ފުލުހުން ބުނެއެވެ. އޭނާއާއެކު ސައިކަލުގައި ތިބި 16 އަހަރުގެ ކުއްޖާ މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ލިބެމުންދާއިރު، އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށް ޑޮކްޓަރުން ބުނެއެވެ. ހަމައެއާއެކު މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ނިޔާވި އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ. އޭނާގެ ނިޔާވުމުގެ ޚަބަރު ފެތުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިތާމަ ފާޅުކޮށް، އާއިލާއަށް ތަޢުޒިޔާ ކިޔަމުން އަންނަކަން ފާހަގަކުރެވެއެވެ.
ހާދިސާ ހިނގި ސަރަހައްދުން ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުރިކަން އެނގެއެވެ. އެކްސިޑެންޓްވި ސައިކަލާއި ހެލްމެޓުގެ ބައިތައް ވަކިވެ ބިންމަތީގައި ވެއްޓިފައި ހުރިއިރު، ޕިކަޕުގެ ކުރިމަތީ ބައި ބޮޑަށް ހަލާކުވެފައި ހުރިކަން ފެނެއެވެ.
މި ހިތާމަވެރި ހާދިސާއަކީ ޒުވާނުންގެ މެދުގައި ސައިކަލް ދުއްވުމުގައި ރައްކާތެރިކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ހަނދާންކޮށްދޭ ހާދިސާއެކެވެ. އަލްސަންގެ ރޫހަށް ސުވަރުގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުޢާ ދަންނަވަމެވެ.
ކޮމެންޓު ފޮނުވާ