ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް: ޓެކްނިކަލް ޓްރަޔަލްތައް ފެށިއްޖެ

ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް: ޓެކްނިކަލް ޓްރަޔަލްތައް ފެށިއްޖެ

Author
ހުސައިން
12 ޖުލައި 2025 08:16
0

ޖުލައި 26 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގެ ޓެކްނިކަލް ޓްރަޔަލްތައް ފެށިއްޖެއެވެ. މި ޓްރަޔަލްތަކުގެ ތެރޭގައި ފަސިންޖަރު ޗެކިން ސިސްޓަމްތަކާއި ބޯޑިން ސިސްޓަމްތައް ޓެސްޓްކުރުން ހިމެނެއެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މަޢުލޫމާތު ލިބުނު ގޮތުގައި މިއީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އޮރާޓް ޕްރޮސެސްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ކުރިއަށްދަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެންނެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ޓްރަޔަލްތަކުގައި މޯލްޑިވިއަންގެ ޑިޕާޗާ ކޮންޓްރޯލް ސިސްޓަމާއި ބެގޭޖް ރިކޮންސިލިއޭޝަން ސިސްޓަމް ޓެސްޓްކުރުމުގެ އިތުރުން ބޯޑިން ޕްރޮސެސްވެސް ތަޖުރިބާކޮށްފައިވެއެވެ. ހަމައެހެންމެ ޗެކިން ކައުންޓަރުތަކުގައި ފަސިންޖަރުންގެ ކިއު މެނޭޖްކުރާނެ ނިޒާމްވެސް ޓެސްޓްކޮށްފައިވާކަމަށް އެމްއޭސީއެލުން ހާމަކުރިއެވެ. މި ހުރިހާ ޓްރަޔަލްތަކެއްވެސް ވަރަށް ކާމިޔާބުކަމާއެކު ނިމިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރު ފާހަގަކުރާ މި އަހަރު ހުޅުވޭ އައު ޓާމިނަލުން ފުރަތަމަ ޚިދުމަތް ލިބޭނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށްކަމަށް އެމްއޭސީއެލުން ބުނެއެވެ. ދެ މަރުޙަލާއަކުން އެހެނިހެން އެއާލައިންތަކުގެ އޮޕަރޭޝަންތައްވެސް އައު ޓާމިނަލަށް ބަދަލުކުރެވޭނެކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

މިނިވަންކަމުގެ 60 ވަނަ އަހަރާ ގުޅުވައިގެން އައު ޓާމިނަލް ހުޅުވުން ބޭއްވޭނީ ކުލަގަދަ ރަސްމިއްޔާތަކާއެކު ޖުލައި 26 ވަނަ ދުވަހުއެވެ. މި ޓާމިނަލަކީ އެއާޕޯޓްގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.