މާލޭގައި ވައްކަމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން މިއީ އޭނާ ހައްޔަރުކުރި 106 ވަނަ ފަހަރެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، އޭނާގެ ބަންދު ލޮގްގައި ރެކޯޑުކޮށްފައިވަނީ މީގެ ކުރިން ކުށުގެ މައްސަލަތަކުގައި 105 ފަހަރު ހައްޔަރުކޮށްފައިވާ ކަމެވެ. މީގެ ތެރެއިން 43 ފަހަރު ވަނީ ހައްޔަރުކުރުމަށްފަހު ބަންދަށް ބަދަލުކޮށްފައެވެ. ހައްޔަރުކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ކޯޓުން ބުންޏެވެ.
18 އަހަރު ފުރުނުފަހުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެވެރެޖްކޮށް އަހަރަކު 7 ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.
މިފަހަރު އޭނާ ހައްޔަރުކުރި ގޮތް ބަޔާންކުރަމުން ފުލުހުންގެ ހާދިސާ ރިޕޯޓުގައި ބުނީ، ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުންދަނިކޮށް މަޖީދީމަގުން ޗަމްޕާމަގަށް ދިޔުމުން، ކަޅު ކޮތަޅަކަށް ބަރު އެއްޗެހިތަކެއް އަޅައިގެން ދިޔަ މީހަކު ފުލުހުން ފެނުމުން ބާރަށް ދުވަން ފަށާފައިވާ ކަމަށެވެ. އޭނާ ހުއްޓުވައި ސުވާލުކޮށް، ގެންގުޅުނު ކޮތަޅު ބަލައިފާސްކުރިއިރު އޭގައި ކަރަންޓު ހަތަރު ނަރު ރޯލް ފެނިފައިވެއެވެ.
ސުވާލުކުރުމުން އޭނާ ބުނީ އެ ތަކެތި މީހަކު ދީފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް އޭނާ ދިން ފޯނު ނަންބަރަށް ގުޅުމުން އެ މީހާއާ ގުޅިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ފަރާތެއް ކަމަށް ބެލެވޭތީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމި ކަމަށް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ