މާލޭގައި ޗޮކްލެޓް ވަގަށް ނެގި 59 އަހަރުގެ މީހަކު 15 ދުވަހަށް ބަންދު ކޮށްފި

މާލޭގައި ޗޮކްލެޓް ވަގަށް ނެގި 59 އަހަރުގެ މީހަކު 15 ދުވަހަށް ބަންދު ކޮށްފި

Author
ހުސައިން
11 ޖުލައި 2025 11:24
0

މާލޭގެ ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނަގަން އުޅުނު 59 އަހަރުގެ ފިރިހެނަކު ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.

ގދ. ގައްދޫ އަށް އުފަން މި ފިރިހެނާ ބަންދުކުރުމަށް ކޯޓުން ނިންމި ސަބަބުތަކުގެ ތެރޭގައި، އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވުމާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަވުން ހިމެނެއެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވި ގޮތުގައި، ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ސީނަށް ދިޔައިރު، ފިހާރައިގެ ސީސީޓީވީ ކެމެރާއިން ފެނިފައިވަނީ އެ މީހާ ޗޮކްލެޓެއް ނަގައި ޖީބަށް ލައިގެން ފިހާރައިން ބޭރަށް ދާން އުޅޭ މަންޒަރެވެ. އަދި އޭނާއާއި ސުވާލުކުރުމުން އޭނާ ވަނީ ޗޮކްލެޓް ވަގަށް ނަގައިގެން ދާން އުޅުނުކަމަށް އިއުތިރާފުވެފައެވެ.

މި މީހާގެ ކުށުގެ ރެކޯޑަށް ބެލުމުން، މީގެ ކުރިން 29 ފަހަރު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 18 ފަހަރު ބަންދުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުގައި، އޭނާ ކުރިން ހައްޔަރުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ އެކި މައްސަލަތައް ހިމެނޭކަމަށާއި، މީގެ ކުރިން ކުރި ކުށްތަކުން ރަނގަޅުވެފައި ނުވާކަން ފާހަގަކުރެވޭކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.