ގައްދޫން އެކަނި ފުރައިގެން ދިޔަފަހުން ގެއްލުނު 79 އަހަރުގެ މީހާ ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

ގައްދޫން އެކަނި ފުރައިގެން ދިޔަފަހުން ގެއްލުނު 79 އަހަރުގެ މީހާ ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

Author
ހުސައިން
11 ޖުލައި 2025 10:49
0

ގދ. ގައްދޫން ކުޑަ ޑިންގީއެއްގައި އެކަނި ދަތުރު ކުރަނިކޮށް ގެއްލިފައިވާ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ހޯދުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިހާތަނަށް ކަނޑުމަތިން 2307.99 އަކަ ނޯޓިކަލް މޭލާއި ވައިގެ މަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ވަރަށް ބޮޑު ސަރަހައްދެއް ބެލިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ޒަކަރިއްޔާ ފުރައިގެން ދިޔައީ ގައްދޫން އެ އަތޮޅުގެ ގަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ. މި މަސައްކަތުގައި ކަނޑުމަތިންނާއި ވައިގެ މަގުން ދެ ފަރާތުންވެސް ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އޮޕަރޭޝަން ކާމިޔާބު ކުރުމަށްޓަކައި ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. މި ފަރާތްތަކުން ދެމުންދާ އެއްބާރުލުމަކީ ސާރޗް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަރަށް މުހިންމު ކަމެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު އޭނާ ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ. އޭނާ ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ހުދުކުލައިގެ ޑިންގީއެއް ކަމަށާއި އެ ޑިންގީގައި ނޫކުލައިގެ ފަށެއް ދަމާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދިނެވެ. މި މަޢުލޫމާތުތައް ބޭނުންކޮށްގެން ސާރޗް ޓީމްތަކުން ދަނީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.