މޫސުން ގޯސްވުމާ ގުޅިގެން މޫދުކުޅިވަރުތައް ހުއްޓާލުމަށް ފުލުހުން އިލްތިމާސް ކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން މޫދުކުޅިވަރުތައް ހުއްޓާލުމަށް ފުލުހުން އިލްތިމާސް ކޮށްފި

Author
ހުސައިން
11 ޖުލައި 2025 04:28
0

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާއި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން މޫދުގެ ކުޅިވަރުތައް ވަގުތީގޮތުން ހުއްޓާލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ. މޫސުން ރަނގަޅުވަންދެން ކަނޑުދަތުރުތަކުގައި ފަރުވާތެރިވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

ގޯސް މޫސުމުގެ ސަބަބުން މިހާތަނަށް ގިނަ ހާދިސާތަކެއް ރިޕޯޓުކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މޫސުމާ މެދު އިތުރު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްޓަކައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އާ ގުޅުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގެދޮރަށް ގެއްލުން ލިބެމުންދާއިރު، ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ނުރައްކާތެރި ހާލަތްތައް ކުރިމަތިވަމުންދާ ކަން ފާހަގަކުރެވެއެވެ. މިގޮތުން ބޯޓެއް ދިޔަވެ އަޑިއަށް ގޮސްފައިވުމުގެ އިތުރުން، ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން އިއްޔެ އުމުރުން ދުވަސްވީ މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވާ ދާދި ދެރަ ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ.

މިފަދަ ނުރައްކާތެރި ހާދިސާތައް އިތުރަށް ނުހިނގުމަށްޓަކައި، މޫސުން ރަނގަޅުވަންދެން ކޮންމެހެން ނޫން ދަތުރުތައް ފަސްކުރުމަށާއި، ކަނޑުގައި ހަރަކާތްތެރިވާނަމަ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.