މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި އެމްއެންޑީއެފް ފެން ހިންދަން ފަށައިފި

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ސަރަހައްދުތަކުގައި އެމްއެންޑީއެފް ފެން ހިންދަން ފަށައިފި

Author
ހުސައިން
11 ޖުލައި 2025 04:02
0

މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވަމުންދާތީ، ޤައުމީ ދިފާޢީ ބާރުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ. އެމްއެންޑީއެފްގެ ސިފައިން މިވަގުތު މާލޭގެ ތިން މުހިންމު ސަރަހައްދެއްގައި ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެމްއެންޑީއެފްއިން މީސްމީޑިޔާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ މާފަންނު ވެސްޓް ޕާކު ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދާއި، ސަލްމާނު މިސްކިތް ހިމެނޭ ސަރަހައްދުގައި ކަމަށެވެ. މި ސަރަހައްދުތަކަކީ މާލޭގައި ފެން ބޮޑުވުން އާންމުކޮށް ދިމާވާ ތަންތަން ކަމުގައި ވާއިރު، އެމްއެންޑީއެފްގެ ސިފައިން މި މަސައްކަތުގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވަމުންދެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ދީފައިވާ އެންމެ ފަހުގެ މަޢުލޫމާތުގައި ވަނީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވިއްސާރަ ކުރަމުންދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. މިކަމާ ގުޅިގެން އާންމު ރައްޔިތުން މޫސުމަށް ސަމާލުވުމަށާއި، ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.