އެސްޑީއެފްސީން ދޫކުރި 1.7 ބިލިއަން ރުފިޔާގެ ލޯނުން 36 ޕަސެންޓު އަދި ނުލިބޭ

އެސްޑީއެފްސީން ދޫކުރި 1.7 ބިލިއަން ރުފިޔާގެ ލޯނުން 36 ޕަސެންޓު އަދި ނުލިބޭ

Author
ހުސައިން
11 ޖުލައި 2025 10:37
0

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވޭތުވެދިޔަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 1.7 ބިލިއަން ރުފިޔާގެ ލޯނުތަކުގެ ތެރެއިން 36.29 ޕަސެންޓު ފައިސާ މިހާތަނަށް އަނބުރާ ލިބިފައި ނުވާ ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ހާމަކޮށްފި އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުން ފެށިގެން ލޯނު އަނބުރާ ދެއްކުމުގެ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެސްޑީއެފްސީން ހާމަކުރި މައުލޫމާތަށް ބަލާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު ލޯނު އަނބުރާ ދެއްކުމުގެ މިންވަރު 24 ޕަސެންޓު އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ. މި ކުރިއެރުން ލިބުނު މައިގަނޑު ސަބަބަކީ ކޯޕަރޭޝަނުން ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ލޯނު އަނބުރާ ނުދައްކާ ފަރާތްތަކަށް ޚާއްސަ ޕޭމަންޓް ޕްލޭންތައް ތައާރަފު ކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ލޯނު އަނބުރާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުރަސްމީ ދާއިރާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާލީ ހޭލުންތެރިކަން ދަށްވުން ކަމަށް އެސްޑީއެފްސީން ފާހަގަކުރެ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ފައިނޭންޝަލް ލިޓްރޭސީ ޕްރޮގްރާމްތަކާއި މައުލޫމާތު ސެޝަންތައް ބޭއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އިގުތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރާކަން އެސްޑީއެފްސީން ފާހަގަކުރި އިރު، ރާއްޖޭގެ ޖިއޮގްރަފިކަލް ހާލަތުގެ ސަބަބުން މަޝްރޫއުތައް ނިންމުމަށް ބޭނުންވާ ތަކެތި އާއި މަސައްކަތްތެރިން ހޯދުމުގައި ދަތިތަކާ ކުރިމަތިވާކަން ވެސް ހާމަކުރެ އެވެ. މީގެ ސަބަބުން ޕްރޮޖެކްޓްތައް ނިންމުމުގެ މުއްދަތު އިތުރުވެ، ލަފާކުރާ އާމްދަނީ ނުލިބި، ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ކަސްޓަމަރުން އެކި ބޭންކުތަކުގައި ވިޔަފާރީގެ އާމްދަނީ ބެހެއްޓުމުގެ ސަބަބުން ފައިސާ އަނބުރާ ހޯދުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް އެސްޑީއެފްސީން ފާހަގަކުރެ އެވެ.

މި ގޮންޖެހުންތަކާ އެކުވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ރީޝެޑިއުލް ކޮށްދިނުމާއި ގްރޭސް ޕީރިއަޑް އިތުރު ކޮށްދިނުން ފަދަ ލުއިތައް ފޯރުކޮށްދޭ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.

އެސްޑީއެފްސީން ހިއްސާކުރި ތަފާސްހިސާބަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން ލޯނު ދޫކޮށްފައި ވަނީ ރީޓެއިލް ވިޔަފާރިތަކަށް ކަން ފާހަގަކުރެވެ އެވެ. 699 ފެސިލިޓީއަށް ޖުމްލަ 205.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ދެވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައި ވަނީ ގެސްޓް ހައުސް ވިޔަފާރިތަކަށެވެ. ގެސްޓް ހައުސް ދާއިރާގެ 677 ފެސިލިޓީއަށް 403.88 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.