ހުޅުމާލޭގައި ހުރި ގުދަނުގައި ރޯވި އަލިފާން 95 ޕަސެންޓް ކޮންޓްރޯލްކޮށްފި

ހުޅުމާލޭގައި ހުރި ގުދަނުގައި ރޯވި އަލިފާން 95 ޕަސެންޓް ކޮންޓްރޯލްކޮށްފި

Author
ހުސައިން
10 ޖުލައި 2025 11:23
0

ހުޅުމާލެ ފޭސް 1 ގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި މިރޭ ރޯވި އަލިފާން މިހާރު ވަނީ 95 ޕަސެންޓް ކޮންޓްރޯލްކޮށްފައި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން ބުނެފައިވާ ގޮތުގައި، އަލިފާން އިތުރަށް ފެތުރުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި އަލިފާން ރޯވި ފްލޯގައި އެއްވެސް ވަރަކަށް ކެމިކަލެއް ނެތް ކަމަށާއި، އަލިފާން ރޯވެފައިވަނީ ގުދަނުގެ ބަރީގައި ބެހެއްޓިފައި ހުރި ޕެލެޓާއި ލަކުޑި ފަދަ ތަކެތީގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިރޭ 6:50 ގައި ސިފައިންނަށް ރިޕޯޓުކުރި މި ހާދިސާގައި، ސިފައިންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ގުދަނުން ނުކުންނަ ދުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިފައިވެއެވެ.

ފުލުހުން އާންމުކޮށްފައިވާ އިރުޝާދުތަކުގައި، އަލިފާން ރޯވި ސަރަހައްދާ ކައިރިއަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދިއުމަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ގޭގެ ދޮރުތައް ބަންދުކޮށް، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އަޅައިގެން ނުކުތުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ދުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު އޮތް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ވެސް ރައްޔިތުންނަށް އިރުޝާދުދީފައިވަނީ، ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދިއުމަށާއި، އެފަދަ ތަނަކަށް ދާނަމަ އަނގައާއި ނޭފަތް ރައްކާތެރިކޮށްގެން ދިއުމަށެވެ. އަދި ނޭވާލުމުގެ ދަތިކަމާއި، ގަދަޔަށް ކެއްސުން، ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.