ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ބީލަން ހުޅުވާލައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމަށް ބީލަން ހުޅުވާލައިފި

Author
ހުސައިން
10 ޖުލައި 2025 07:53
0

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މި މަޝްރޫއަކީ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޮވިޑް-19 "އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިފެއާޑްނަސް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި ފެސިލިޓީ ގާއިމުކުރުމަކީ ކުޅުދުއްފުށީ ސަރަހައްދުގެ ސިއްހީ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅެކެވެ.

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް 1،500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. މި ފީއަކީ އަނބުރާ ނުލިބޭ ފައިސާއެކެވެ. ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ މުއްދަތަކީ އޮގަސްޓް 21، 2025 ގެ ނިޔަލަށެވެ. މި ފައިސާ ދެއްކޭނީ ސަރުކާރު ބަންދު ނޫން ދުވަސްދުވަހުގެ ރަސްމީ ގަޑީގައި ބަންޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 26،500 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރުގެ ދިވެހި ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. މި ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 178 ދުވަހެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ބީލަން ކުރިއަށް ގެންދާނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުންނެވެ.

ބީލަން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނީ އޮގަސްޓް 25، 2025 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާން ޝައުގުވެރިވާ ފަރާތްތަކަށް މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އޮގަސްޓް 6، 2025 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ސުވާލު ފޮނުވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.