ދިވެހިރާއްޖެއާއި ޑޮމިނިކާއާ ދެމެދު ވިސާ ނުނަގައި ދަތުރުކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދެވެ. ޑޮމިނިކާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ފިލްބާޓް އެރޮންއެވެ.
މި އެއްބަސްވުމާއެކު ދިވެހި ރައްޔިތުންނަށް ޑޮމިނިކާއަށް ވިސާ ހަދާކަށް ނުޖެހި ދަތުރުކުރެވޭނެއެވެ. އެ ޤައުމަށް ވަންނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ޑޮމިނިކާގައި ހުރެވޭނެއެވެ. އެހެންމެ ޑޮމިނިކާގެ ރައްޔިތުންނަށް ވެސް ވިސާ ނެގުމަކާ ނުލައި 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި މަޑުކުރެވޭނެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމަކީ ދެ ޤައުމުގެ ރައްޔިތުންނަށް އެކަކު އަނެކެއްގެ ޤައުމަށް ފަސޭހައިން ދަތުރުކުރުމުގެ މަގު ފަހިވެ، ދެ ޤައުމުގެ ގުޅުން ބަދަހިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުން ދެ ޤައުމުގެ ދެމެދުގައި ޓޫރިޒަމް، ވިޔަފާރި އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ