ސައުދީ އަރަބިއްޔާ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބްލޫ އިކޮނޮމީ ތަރައްޤީކުރުމަށް އެހީވަނީ

ސައުދީ އަރަބިއްޔާ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބްލޫ އިކޮނޮމީ ތަރައްޤީކުރުމަށް އެހީވަނީ

Author
ހުސައިން
10 ޖުލައި 2025 07:50
0

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް ތަރައްޤީކުރުމަށް ސައުދީ އަރަބިއްޔާއިން ފުޅާ އެއްބާރުލުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އިއްޔެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާ ބައްދަލުކުރެއްވުމުން، ދެ ޤައުމުގެ ދެމެދުގައި މަސްވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި ބްލޫ އިކޮނޮމީ ކުރިއަރުވައި ތަރައްޤީކުރުމަށް ސައުދީ އަރަބިއްޔާއިން ދެއްވާ އެހީތެރިކަން އިތުރުކުރުމާ ބެހޭގޮތުން ތަފްޞީލީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. ސައުދީ ސަފީރު ފާހަގަކުރެއްވި ގޮތުގައި، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރިކަން ކުރިއަށްވެސް ދެމެހެއްޓޭނެއެވެ.

ޚާއްޞަގޮތެއްގައި މ. މުލަކުގައި ޤާއިމުކޮށްފައިވާ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ، ގދ. ކޫއްޑޫގައި ހިންގާ މަޝްރޫޢުތަކާއި، މަސްވެރިކަމުގެ ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާތަކުގައި ސައުދީ އަރަބިއްޔާއިން އިތުރު އެހީތެރިކަމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަމައެކަނި މާލީ އެހީތެރިކަމެއް ނޫން، ބަލްކި ފަންނީ މަޢުލޫމާތާއި ޓެކްނޮލޮޖީ ހިއްސާކުރުމުގެ ގޮތުންވެސް އެހީތެރިވާނެކަމަށް ސަފީރު ވިދާޅުވިއެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މި ބައްދަލުވުމަކީ ވަރަށް ފައިދާކުރަނިވި އަދި ނަތީޖާ ނެރެވޭނެ ބައްދަލުވުމެއް ކަމަށާއި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.