ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. މާލޭގެ ކުރީގެ ކުނި ކޮށި ސަރަހައްދުގައި ބިނާކުރަމުންދާ މި އިމާރާތުގެ ފައުންޑޭޝަން މަސައްކަތް މިއަދު ރަސްމީކޮށް ފެށުނެވެ.
މި އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވަރަށް ޒަމާނީ ސްކޫލެއްގެ ގޮތުގައި ތަރައްޤީކުރާ އިމާރާތެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މާލޭގައި ފުރަތަމަ ފަހަރަށް ސްކޫލެއްގައި އަންޑަރ ގްރައުންޑް ޕާކިންގ ހިމެނޭ ގޮތަށް ތަރައްޤީކުރާ މި އިމާރާތުގައި 200 އަށްވުރެ ގިނަ ސައިކަލާއި ކާރު ޕާކްކުރެވޭނެ ޖާގަ ހުންނާނެއެވެ.
މާފަންނު ސްޓޭޑިއަމްގެ ކައިރީގައި ބިނާކުރާ މި ސްކޫލުގެ ގޯތިތެރެ ކުޑަނަމަވެސް، ސްޓޭޑިއަމް ބޭނުންކުރެވޭތީ ދަރިވަރުންނަށް ކުޅިވަރު ކުޅުމުގައި ދަތިތަކެއް ކުރިމަތި ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލުގެ ގޯތިތެރޭގައި ދަރުމަވަންތަ ސްކޫލްގައި ހުންނަ މިންވަރަށް ޖާގަ ހުންނާނެކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
10 ބުރީގެ މި އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓު ހިމެނޭނެއެވެ. މީގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތައް ފުރިހަމަވެފައި ހުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސްކޫލުގެ ޓެރެސްގައި ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ސިވިލް ސޮސައިޓީތަކަށް ބޭނުންކުރެވޭ ފަދަ ޖާގަ ހުންނާނެއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައެވެ. 152 މިލިއަން ރުފިޔާ އަށް ހަވާލުކުރި މި ޕްރޮޖެކްޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެފައިވާއިރު، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިމި ސްކޫލު ހުޅުވާލެވޭނެކަމަށް މިނިސްޓަރު ޔަޤީންކަން ދެއްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ