ރައްޔިތުންގެ މަޖިލީހުގައި މަތިގެއާއި ތިރިގެއެއް އުފެއްދުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގައި މަތިގެއާއި ތިރިގެއެއް އުފެއްދުމަށް ގޮވާލައިފި

Author
ހުސައިން
09 ޖުލައި 2025 08:50
0

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް "އެދޭ ރާއްޖެ" ކެމްޕޭނުން ހުށަހެޅުމެއް ފާޅުކޮށްފިއެވެ. މި ކެމްޕޭނުން ހުށަހަޅާފައިވަނީ މިހާރު އޮތް އެއް މަޖިލީހުގެ ނިޒާމުގެ ބަދަލުގައި މަތިގެއާއި ތިރިގެއެއް ހިމެނޭ ދެ މަޖިލީހުގެ ނިޒާމެއް ޤާއިމުކުރުމަށެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ފަރާތުން ބުނެފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހުން ފެންނަމުންދާ އެންމެ ބޮޑު ގޮންޖެހުމަކީ، މަޖިލީހަކީ ރައްޔިތުންގެ މަޞްލަޙަތު ކުރިއަރުވާ ތަނެއްގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތުތައް ހިމާޔަތްކުރާ ތަނަކަށް ވެފައިވާކަމަށެވެ. މީގެ އިތުރުން ޤާނޫނު ހެދުމާއި ދައުލަތް ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރުމުގައި މަޖިލީހުން އިހުމާލުވަމުންދާކަމަށް ވެސް އެ ކެމްޕޭނުން ފާހަގަކުރެއެވެ.

މި މައްސަލަތައް ޙައްލުކުރުމަށްޓަކައި އެ ކެމްޕޭނުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި، މަޖިލީހުގެ މަތިގެއަށް މެންބަރުން އިންތިޚާބުކުރާނީ މުޅި ޤައުމުން ވޯޓުލައިގެންކަމަށް ކަނޑައެޅުން ހިމެނެއެވެ. މިހާރު އޮތް މަޖިލީހަކީ ތިރިގެކަމުގައި ހަމަޖައްސައި، އެ މަޖިލީހަށް މެންބަރުން ހޮވާނީ އަތޮޅުތަކުންނާއި ސިޓީތަކުން ވޯޓުލައިގެންކަމަށް ވެސް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މީހުން ޢައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު މަތިގެއަށް ދިނުމާއި، ރައީސުލްޖުމްހޫރިއްޔާ އަހަރަކު މަދުވެގެން ދެ ފަހަރު މަޖިލީހުގެ މަތިގެއަށް ހާޒިރުވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުން ލާޒިމުކުރުން ވެސް މި ހުށަހެޅުމުގައި ހިމެނެއެވެ.

މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، މެންބަރުންނަށް ވިޔަފާރިކުރުން މަނާކުރުމާއި، މަޤާމުން ވަކިވުމަށްފަހު ދެ އަހަރު ދުވަހުގެ މުއްދަތަކަށް ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ނުކުރުމަށް ވެސް "އެދޭ ރާއްޖެ" ކެމްޕޭނުން ގޮވާލާފައިވެއެވެ.

އެ ކެމްޕޭނުން ދެކޭގޮތުގައި މިފަދަ ނިޒާމެއް ޤާއިމުވެއްޖެނަމަ، ޤާނޫނު ހެދުމުގައާއި ދައުލަތް ޖަވާބުދާރީކުރުވުމުގައި ރައްޔިތުންގެ މަޞްލަޙަތު ޔަޤީންކުރުމަށް އިތުރު ފަށަލައެއް އުފެދިގެންދާނެއެވެ. އަދި ހުރިހާ ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތްކުރުމަށް މަގު ފަހިވެގެންދާނެކަމަށް ވެސް އުންމީދުކުރެއެވެ.

މި ހުށަހެޅުމާ ގުޅިގެން ޤައުމީ ފެންވަރުގައި ފުޅާ ބަހުސެއް ކުރުމަށް "އެދޭ ރާއްޖެ" ކެމްޕޭނުން ގޮވާލާފައިވަނީ، ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށާއި ލޯކަލް ކައުންސިލްތަކަށާއި މީޑިއާއަށާއި މަދަނީ ޖަމިއްޔާތަކަށާއި ޒުވާނުންނަށެވެ. މި ކެމްޕޭނަށް ހިޔާލުތައް ފޮނުވުމަށް [email protected] އީމެއިލް އެޑްރެސް ބޭނުންކުރެވޭނެކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.